އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހަރުދަނާކަމާއެކު ޤާނޫނުތައް ތަންފީޒު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ގޮވާލައްވައިފިއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކޮމިޝަނުން އާންމު ކުރި ބަޔާނުގައި ބުނީ އަންހެނުން ބާރުވެރި ކުރުވައި ދުޅަހެޔޮ މުޖުތަމައެއް ބިނާ ކުރުމުގައި ލިބިފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޖެންޑަރ އީކުއާލިޓީ ޤާނޫނު ތަސްދީޤުވެފައިވުމާއި، ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އެކުލަވާލެވި، ނެޝަނަލް ޖެންޑަރ އީކުއާލިޓީ ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވޭ ކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީ އާއި މުޖުތަމައުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންގެންދާ މަސައްކަތް ފާހަގަކުރެވޭ ކަމަށް ވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
އަންހެނުންގެ ޙައްޤުތަކާ ގުޅޭގޮތުން 2018 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން އެޗްއާރުސީއެމުން ބުނެފައި ވަނީ ގެވެށިއަނިޔާގެ މައްސަލަތަކާއި ކައިވެނި ރޫޅުމުން ދިމާވާ މައްސަލަތަކާއި އިންސާފުލިބުން ލަސްވުމުން އަންހެނުންނަށް ދިމާވާ މައްސަލަތަކާއި ވަޒީފާ އަދާކުރުމުގެ ޙައްޤަށް ހުރަސްއެޅިގެން ހުށަހަޅާފައިވާ މައްސަލަތައް ހުށަހެޅިފައިވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރު މީހުންނާ ކައިވެނި ކުރާއިރު އެމީހާ އާއި ބެހޭ މަޢުލޫމާތު ފުރިހަމައަށް ހޯދާފައިނެތުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވާހިނދު އެމީހާ ޖަވާބުދާރީ ނުކުރެވުމުން ދިމާވާ މައްސަލަތައްވެސް ހުށަހެޅިފައިވާކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކޮށް، މި ޤާނޫނުތަކުގެ ދަށުން އަންހެނުންނަށް ލިބިދޭ ރައްކާތެރިކަމާމެދު ކަމާ ގުޅުންހުރި ފަރާތްތައް ހޭލުންތެރި ކުރުމަށާއި، ރައްކާތެރިކަން ފޯރުކޮށްދިނުން ހަލުވިކުރަންޖެހޭ ކަމަށް އެޗްއާރުސީއެމުން ބުނެއެވެ. އަދި އެ ކޮމިޝަނުން ބުނީ އާއިލާ ރޫޅޭ ޙާލަތްތަކުގައި އަންހެނުން އުފުލަންޖެހޭ ތަކުލީފު ކުޑަކުރުމަށް އާއިލާއާ ބެހޭ ޤާނޫނު ތަންފީޒު ކުރުން ހަރުދަނާ ކުރުމާ އެކު ކައިވެނިކުރާއިރު ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭންޖެހޭ ކަމަށެވެ. އޭގެ އިތުރުން އާއިލާ ރޫޅުމާ ގުޅިގެން އަންހެނުންނަށް ދިމާވާ އުނދަގޫ ވަގުތުތަކުގައި އެ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން އާއިލާ އާއި މުޖުތަމައުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ކަމަށްވެސް އެޗްއާރުސީއެމުން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ފާހަގަކޮށް، އެޗްއާރުސީއެމުން ބުނީ މުޖުތަމަޢުގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޖެންޑަރ އީކުއާލިޓީ ޤާނޫނާއި ޖެންޑަރ އީކުއާލިޓީ އެކްޝަން ޕްލޭން އަދި ނެޝަނަލް ޖެންޑަރ އީކުއާލިޓީ ޕޮލިސީ ފުރިހަމައަށް ތަންފީޒުކުރުމާ އެކު އެއާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް ޢަމަލުކުރަންޖެހޭ ކަމަށެވެ. އަދި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުންނަށް ހަމަހަމަ ފުރުޞަތުދީ، ސިޔާސީ ދާއިރާ އާއި ގޮތް ނިންމާ ފެންވަރުގެ މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ރޭވުންތެރިކަމާ އެކު ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އަންހެނުންނާމެދު މުޖުތަމަޢު ދެކޭގޮތާއި ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީގައި އަންހެނުން ހިއްސާވުމުގެ މުހިއްމުކަމާމެދު އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް މީޑިއާއިން ކުރަމުން ގެންދާ މަސައްކަތް އިތުރުކުރަންޖެހޭ ކަމަށްވެސް އެޗްއާރުސީއެމުން ބުުންޏެވެ.