ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އައްޑޫ ސިޓީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު އެ މަނިކުފާނަށް އައްޑޫ ސިޓީ ވަރަށް ހޫނު މަރްހަބާއެއް ކިޔައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތަށް ރައީސް ސޯލިހް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ އައްޑޫސިޓީގެ ހަތް ކެންޑިޑޭޓުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނެވެ. އަދި ކެންޑިޑޭޓުންގެ ސަޕޯޓަރުންނާއި އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން އެ މަނިކުފާނަށް އެ އާޕޯޓުން މަރުހަބާ ކިޔެވެ.
މަރުހަބާ ކިޔުމަށް ދެއްވެފައިވާ މީހުންނާ ސަލާމް ކުރެއްވުމުގައި ރައީސް ސޯލިހް ގާތްގަނޑަކަށް ބައިގަޑިއިރު ހޭދަކުރެއްވެވި އެވެ.
ދެ ރައީސުން އެންމެ ފުރަތަަމަ ވަޑައިގެންފައިވަނީ މަރަދޫ ފޭދޫ ޖަގަހައަށެވެ.
މަރަދޫ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫސިޓީގެ ހަތް ގޮނޑި އެމްޑީޕީއަށް ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށާއި އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިއްމު ކަމަށެވެ. އައްޑޫސިޓީ ތަރައްގީގެ ޕްލޭން އެކުލަވާލެވި ނިމިފައިވާ ކަމަށާއި، އަދި އެ ޕްލޭންގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަރަދޫފޭދޫ ތަމްސީލްކުރައްވާ ކެންޑިޑޭޓް ރޮޒެއިނާ އާދަމް އަކީ ފެށުނީއްސުރެ އިސްލާހީ މަސައްކަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކުޅަދާނަ ކަނބަލެއް ކަމަށެވެ. އެ ދާއިރާއަށް އެފަދަ ދެ ވަނަ ކެންޑިޑޭޓެއް ނެތް ކަމަށާއި، މުޅި ދާއިރާގެ ރައްޔިތުން ރޮޒެއިނާއަށް ވޯޓް ދެއްވައި މަޖިލީހަށް ހޮއްވަވައިދެއްވުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
އެޖެންޑާ 19 އައްޑޫސިޓީ ކެމްޕޭން ލޯންޗިން ޖަލްސާ އޮތީ މިރޭ ނުވައެއް ޖަހާއިރު، މަރަދޫ ޕާކްގައެވެ. މި ޖަލްސާގައި ރައީސް ސޯލިހު އާއި ކުރީގެ ރައީސް ނަޝީދު އަދި އައްޑޫ ސިޓީ ހަތް ދާއިރާއަށް ކުރިމަތިލައްވާފައިވާ ހަތް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާނެއެވެ.