ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ސިންގަޕޯރގެ ފޮރިން މިނިސްޓަރ ޑރ. ވިވިއަން ބާލަކްރިޝަނަން އާއި ބައްދަލުކުރައްވައިފިއެވެ.
ސިންގަޕޯރގެ ފޮރިން މިނިސްޓްރީގައި ހުކުރު ދުވަހު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުން ކުރައްވާފައިވާ ކަންކަމާއި، އިސްކަންދެއްވާ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދު ވަނީ މިނިސްޓަރ ބާލަކްރިޝްނަންއަށް އަރުވާފައެވެ. އަދި ދެ މިނިސްޓަރުން ވަނީ ދެޤައުމުގެ ޒަމާންވީ ގާތްގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މީގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރުކޮށް، ރާއްޖެއަށް މުހިއްމު ބައެއް ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ބާލަކްރިޝްނަންގެ ވާހަކަފުޅުގައި ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް މަރުޙަބާ ދެންނެވިއެވެ. އަދި ތިމާވެށީގެ ރޮނގުން ރާއްޖެއިން އިސްނަގަމުންދާކަމަށްޓަކައި އެކަމަށްވެސް އެމަނިކުފާނު މަރުޙަބާ ދެންނެވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ސިންގަޕޯރ އިން މެދުކެނޑުމެއްނެތި ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަ ޝާހިދުގެ އަރިހުގައި ދިވެހިރާއްޖެއިން ސިންގަޕޯރއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އަބްދުﷲ މައުސޫމްއާއި، ދިވެހިރާއްޖެއިން ސިންގަޕޯރއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ އަލްފާޟިލާ އީމާން ހުސެއިން ބައިވެރިވެވަޑައިގަތެވެ.