ކ. މާލެ
|
8 މާރޗް 2019 | ހުކުރު 19:12
އިންޓަރ އޮފީސް ހޭންޑްބޯލްގެ ތެރެއިން
އިންޓަރ އޮފީސް ހޭންޑްބޯލްގެ ތެރެއިން
މުހައްމަދު ޝަރުހާން
ފާތިމަތު އަރުޝާ
ކުޅިވަރުގައި ކުރިއަށް ދިއުމަށް އަމިއްލަ ނަފްސަށް އިތުބާރުކުރުން މުހިއްމު: އަރުޝާ
ކާމިޔާބީތަކުގެ ސިއްރަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު
އަރުޝާގެ އުންމީދަކީ މުސްތަގުބަލުގައި ރިޝްމާ ފަދަ މޮޅު ކުޅުންތެރިއަކަށް ވުން
އިންޓަރ އޮފިސް ހޭންޑްބޯލް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ

ކުޅިވަރުން ކުރިއަށް ދެވޭނީ އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން ކަމަށް ގަބޫލް ކުރާ ކަމަށް އިންޓަ އޮފީސް ހޭންޑްބޯލް މުބާރާތުގެ އަންހެން ބައިގެ ގަދަ ހަތެއްގައި ހިމެނުނު ފާތިމަތު އަރުޝާ ބުނެފިއެވެ.

ޤައުމީ ހޭންޑްބޯލް ޓީމުގައިވެސް ހިމެނޭ އަރުޝާ ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ, ކުޑަ ދުވަސް ކޮޅެއް ތެރޭ ގިނަ ކާމިޔާބީތަކެއް ލިބުމުގެ ސިއްރަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކަމަށެވެ.

ބާސްކެޓުން މީގެ ކުރިން ފެނިފައިވާ އަރުޝާ ހޭންޑްބޯލް ކުޅެންފެށީ 2016 ވަނަ އަހަރުއެވެ. މިހާތަނަށް ލިބުނު ކާމިޔާބީ ތަކުގެ ގޮތުގައި ހޭންޑްބޯލް އެސޯސިއޭޝަން ކަޕުން ދެވަނައާއި، ޤައުމީ މުބާރާތުން މުޅި މުބާރާތުން ދެވަނަ ލިބުން ޒުވާން ކުޅުންތރިޔާ ފާހަގަ ކުރެއެވެ.

ހޭންޑްބޯލް އަދި ބާސްކެޓްގެ އިތުރުން ނެޓްބޯޅައިގާވެސް މޮޅުކުޅުމެއް ދައްކަމުން އަންނަ ފާތިމަތު ރިޝްމާ ނަމޫނާއެއް ގޮތުގާ ދެކޭ އަރުޝާގެ އުންމީދަކީ މުސްތަގުބަލުގައި ރިޝްމާ ފަދަ މޮޅު ކުޅުންތެރިއަކަށް ވުމެވެ.

ހޭންޑްބޯލްގައި މިވަގުތު ރާއްޖޭގައި ތިބި އެންމެ ވަރުގަދަ ކުޅުން ތެރިން ކުޅޭ ފެންވަރުގައި ކުޅުމަކީ އަރަމުން އަންނަ މި ކުޅުންތެރިޔާގެ ހުވަފެނެކެވެ.

ފާތިމަތި އަރުޝާ

އިންޓަރ އޮފިސް ހޭންޑްބޯލް އަކީ މިހާތަނަށް ކުރެވުނު އެންމެ ތަފާތު ތަޖުރިބާގެ ގޮތުގައި ފާހަގަ ކުރަމުން އަރުޝާ ބުނީ، އެ މުބާރާތުގެ ސަބަބުން ވަރަށް ގިނަ ކަންކަން ދަސްވެގެން ހިނގައްޖެ ކަމަށެވެ.

ނަމޫނާއެއްގެ ގޮތުގައި ދެކޭ ރިޝްމާ އާއި އެއް ކޯޓެއްގައި ކުޅެލަން ލިބުމަކީ ފަހުރެއް ކަމުގައި ދެކޭ ކަމަށް އޭނާ ބުންޏެވެ. މުބާރާތުގެ ސަބަބުން ރާއްޖޭގައި ތިބި މޮޅު ކުޅުންތެރިންތަކަކާއި އެކު ކުޅެލަން ލިބުމުން، އެކުޅުންތެރިންގެ ފަރާތުން ގިނަ އުކުޅުތަކެއް ދަސްވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.

އިންޓަރ އޮފިސް ހޭންޑްބޯލްގެ ގަދަ ހަތެއްގައި ހިމެނުމުން އަރުޝާ އެންމެ އުފާ ވަނީ، އޭނާއަށް ވުރެން ތަޖުރިބާކާރު ކުޅުންތެރިންތަކަކާއި އެއްފަންތިއެއްގައި ހިމެނުމުންކަމަށްވެސް އަރުޝާ ބުންޏެވެ.

އިންޓަރ އޮފިސް ހޭންޑްބޯލް މުބާރާތް ކޮމާރޝަލް ބޭންކް އޮފް މޯލްޑިވްސްއަށް ކުޅުނު އަރުޝާ އެ ޓީމަށް ކުޅެން ފުރުސަތު ހޯދައިދިން އަޒްހަމް ކޯޗަށް ޝުކުރު އަދާކުރާ ކަމަށާއި، ހޭންޑްބޯލުން ކާމިޔާބީތަށް ހޯދުމަށް މަންމަގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބޭ ކަމަށް އަރްޝާ ބުންޏެވެ. ހަމަ އެހެންމެ އެންމެ ގާތް ރަހުމަތް ތެރިންނާއި ކޯޗުންގެ ފަރާތުންވެސް އެއްބާރުލުން ލިބޭކަމަށް ވެސް އޭނާ ބުންޏެވެ.

އަރުޝާގެ ވާހަކަ ނިންމާލަމުން އޭނާ ބުނީ، ކުރާ ހިތްވާ ކަމެއްނަމަ ޖެހިލުންނުވެ އެކަމަކަށް ކުރިމަތިލާން ވާނެ ކަމަށާއި، ޕްރެކްޓިސްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އަމިއްލަ ނަފްސަށް އަބަދުވެސް އިތުބާރު ކުރަން ވާނެ ކަމަށެވެ.

އުންމީދީ މި ކުޅުންތެރިޔާއަކީ ނިމިގެންދިޔަ އޮފީސް މުބާރާތުގައި ކުޅުނު އެންމެ ޒުވާން އެއް ކުޅުން ތެރިޔާއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް