ހެއްކާ ބެހޭ ގާނޫނު ނެތުމަކީ ޖިނާއީ އަދުލުގެ ނިޒާމު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެއް ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ނެރުނު ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުގައި ބިޝާމް ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް 2017 ވަނަ އަހަރު އަމަލު ކުރަން ފެށިގެން ދިޔަކަމީ ޖިނާއީ އަދުލުގެ ނިޒާމުގެ މަސއްކަތްތައް ވަކި ތަރުތީބަކުން ބައްޓަން ކުރުމަށް ފަހިވި ރަނގަޅު ފުރުސަތެއް ކަމަށެވެ. ނަމަވެސް އެ ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން ފާހަގަ ވި ބައެއް ދަތިތަކަށް ހައްލު ހޯދައި ދިނުމުގައި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ހޭދަވަމުންދާކަމީ ކަންބޮޑުވުމެއް ކަމަށް ބިޝާމް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ބަންޑާރަ ނައިބުގެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެކު ވުޖޫދުވާންޖެހޭ ކަމަށް ފެންނަ ހެއްކާބެހޭ ގާނޫނު ނެތުމަކީ ޖިނާއީ އަދުލުގެ ނިޒާމު އިފެކްޓިވްކޮށް ކުރިއަށް ގެންދިއުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅާފައިވާތާ، ދެ އަހަރު ވަނީ ވެފައެވެ. އެ ގާނޫނު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވި ގޮތަށް އެ ބިލުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ގައުމީ ސަލާމަތު ކޮމެޓީއަކީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީއަކަށް ވިޔަސް، އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ނުފަށާ ސަބަބެއް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕަކުން ހާމައެއް ނުކުރެއެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު މަޖިލީހަށް ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަކީ ކޯޓުން ހެކި ވަޒަން ކުރުމުގައި ތަބާވާންޖެހޭ އުސޫލުތައް ބަޔާން ކުރާ ބިލެކެވެ. އިނގިލީގެ ނިޝާނާއި ޑީއެންއޭގެ މައުލުމާތާއި ބޮޑީ ސާމްޕަލްފަދަ ފޮރެންސިކް ހެކި ޝަރީއަތުން ބަލައިގަތުމާ ގުޅޭ ކަންކަން އެ ބިލުގައި ތަފްސީލުކޮށްދީފައިވެއެވެ.
ހެއްކޭ ބެހޭ ބިލު މަޖިލީހުގައި ހުއްޓިފައިވާއިރު، މިހާރު އަމަލު ކުރަމުންދާ ހެއްކާ ބެހޭ ގާނޫނަކީ 40 އަހަރު ވީ ގާނޫނެކެވެ. އެ ގާނޫނަކީ ރައީސް މައުމޫންގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި 1979 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ މަޖިލީހުން ފާސްކުރި ގާނޫނެކެވެ.