އަންހެނުންނާއި ނުލައި މި ޤައުމަކީ ފަޅި ޤައުމެއް ކަމަށާއި، ދިވެހިން ބޭނުން ވަނީ ފުރިހަމަ ޤައުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އާބާދީގެ 50 އިންސައްތައަކީ އަންހެނުން ކަމަށާއި، އަންހެނުން ބާރުވެރި ކުރުވުމަށްވުރެ އެޖެންޑާ 19 އާ ގުޅުންހުރި ކަމެއް ނެތް ކަމަށެވެ. އަދި އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް އަންހެނުންގެ ބައިވެރިވުން ނުލިބޭނަމަ މިި ޤައުމަކީ ފަޅި ޤައުމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
" އަންހެނުންގެ ފުރިހަމަ ބައިވެރިވުން އިޤްތިސާދުގަ އަދި އިޖުތިމާއީ ކަންކަމުގައިވެސް ނުލިބޭނަމަ މީ ފަޅި ޤައުމެއް، އަޅުގަނޑުމެން ބޭނުމެއްނޫން ފަޅި ޤައުމެއް، އަޅުގަނޑުމެން ބޭނުންވަނީ ޖުމުލަ ޤައުމެއް، މި ޤައުމު ޖުމުލަ ގޮތެއްގައި އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވޭނީވެސް އަދި އަޅުގަނޑުމެންގެ ޤައުމިއްޔަތު ބިނާ ކުރެވޭނީވެސް އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑު މިންވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި ހިއްސާކުރެވިގެން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެކި ދާއިރާތަކުގައި ދިވެހި އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދިވެސް ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި، ވަޒީރުންގެ މަޖިލީހާއި، ކުންފުނިތަކުގެ ބޯޑާއި، ކައުންސިލުތައް ވެސް ހިމެނޭ ކަމަށާއި، އެތަންތަނުގައި އަންހެނުން ޝަމިލުވާ މިންވަރު އަދިވެސް މަދު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
" އަޅުގަނޑުމެން ބޭނުން އެ އަދަދު އިތުރުކުރަން، އެ އަދަދު އިތުރުކުރުމަށްޓަކައި އެންމެ ބޮޑަށް ކުރަންޖެހޭނެ އެއް ކަމަކީ އެންމެ ދަށުން ފެށިގެން، އެންމެ އާދައިގެ ހުރިހާ ހަރަކާތަކުން ފެށިގެން އަންހެނުން ބައިވެރިވަމުން އައިސް އެމީހުންނަށް ފިރިހެނުންނާ ވާދަކުރެވެންވީ، ކުރެވޭ މިންވަރަށް އަޅުގަނޑުމެން ކަންކަން ގެންނަންވީ، އެހެން ގެނެވުމުގައި މި ހުރިހާ ދުވަހުގެ ބޭއިންސާފުގެ ސަބަބުން ބައެއް ފަހަރަށް ބައެއް ޤައުމުތަކުގައި ބައެއް މުޖުތަމައު ތަކުގައި އެބަހުރޭ ވަކި އަދަދެއްގެ ސީޓު އެއްބަޔަކަށް ދީފައި،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާއިރު، އަންހެނުންނަށް ހަމަހަމަ ފުރުޞަތާއި، މަތީ މަޤާމުތައް ހޯދައިދިނުމުގެ ވާހަކަ ލައްކަ ދުވަސްތަކެއް ވަންދެން ދެއްކިއްޖެ ކަމަށާއި، މި ސަރުކާރުން ބޭނުން ވަނީ ބަސް މަދުކޮށް، ޢަމަލީ ގޮތުން އެ ކަންކަން ޙާޞިލް ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފައެވެ.