މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކި ޚިދުމަތްތައް ލިބޭނޭހެން މާލޭ މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ރާއްޖެއަށް އަންނަ ކްރޫޒް ލައިނަރުތަކުގައި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެކި ސަރަޙައްދުތަކަށް ފައިބަންޖެހުމާއި، އެކި ގޮތްގޮތުން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ އެކިއެކި ވަޞީލަތްތައް އެންމެ ފުރިހައަށް ޤާއިމްކުރެވިފައި ނެތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީ ކުރުމަށް ނިންމާފައިވާ ކަމަށް ޝަމާއު ވިދާޅުވިއެވެ.
ޝަމާއު ވިދާޅުވީ އެ ސަރަޙައްދު ތަރައްޤީކުރަން ނިންމާފައިވަނީ ފާހާނަ ބަރިއަކާއި، އަދި އެހެނިހެން ޚިދުމަތްތައް ހިމެނޭ ގޮތަށް ކަމަށެވެ.
މާލޭގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން މިފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ނިމިގެންދިޔަ އަހަރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު ސަރުކާރުން މި އަހަރު އަމާޒު ހިފާފައިވަނީ އަހަރު ނިމުމުގެ ކުރިން ދޮޅު މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.