ސަރުކާރުގައި ވަޒީފާއަދާ ކުރާ އަންހެނުންނަށް ހަ މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭ ގޮތަށް ހަމަޖެއްސުމާއެކު ކުންފުނިތަކުންވެސް އެ ބަދަލު ގެނަނަން ފަށައިފިއެވެ.
ވިހެއުމުން އަންހެނުންނަށް ހަ މަސް ދުވަހުގެ ޗުއްޓީ ލިބޭގޮތަށް، އަދި ފިރިހެނުންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ލިބޭގޮތަށް ސަރުކާރުން ބަދަލު ގެނައިކަން އިއުލާންކުރީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ޙިއްޞާ އިތުރުވާނޭހެން ކަންކަން ބައްޓަން ކުރުމަކީ ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް ކަމަށާއި އެ ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވޭނީ، އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް ނައްތައިލުމުގައި ޢާއިލާއާއި މުޖްތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.
ސަރުކާރުން ގެނައި އެ ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ވަނީ އެ އުސޫލުން ޗުއްޓީއަށް ބަދަލުތައް ގެނައިކަން އިއުލާންކޮށްފައެވެ. އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބުނީ ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށް، އެ ކުންފުނީގެ މުވައްޒިފުންނަށްވެސް ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެސްޓީއޯގެ އަންހެން މުއްޒަފުންނަށް ވިހެއުމުން ލިބޭ ޗުއްޓީ ގެ މުއްދަތު ހަ މަސް ދުވަހަށް އަދި ފިރިހެން މުއައްޒަފުންނަށް އަނބިމީހާ ވިހެއުމުން ލިބޭ ޗުއްޓީ ގެ މުއްދަތު އެއް މަސް ދުވަހަށް ބަދަލު ކޮށްފި.
— STO Plc (@sto_mkt) March 7, 2019
އޭގެއިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ އެ ބަދަލު ގެނައިކަން އިއުލާންކޮށްފައެވެ. އަދިި ސަރުކާރުން ގެނައި އެ ބަދަލަށް ފުރިހަމައަށް ތާއީދުކުރާކަމަށާއި، އެ ބަދަލުގެ ސަބަބުން ހުރިހާ މުވައްޒިފުންނަށްވެސް ބޮޑެތި ފައިދާތަކެއްވާނެކަމަށް އެމްއޭސީއެލުން ބުންޏެވެ.
Effective from today @MACLmedia has allowed six months paid maternity leave & 1 month paternity leave for all our employees. We fully support this Government's decision which we believe will benefit all our employees. pic.twitter.com/M4cekkzurp
— MACL (@MACLmedia) March 7, 2019
މެޓާނިޓީ ލީވްގެ މުއްދަތުގެ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ. ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެއެވެ.