ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތައް ތަރައްގީ ކުރެވެމުންދާއިރު އައްޑޫއަކީ ރާއްޖޭގައި ދެވަނައަށް އޮތް އެންމެ ބޮޑު އިކޮނޮމިކް ސެންޓަރަށް ހަދާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތަސައްވުރު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިފާއިތުވެގެންދިޔަ ދުވަސްތަކުގައި ފެނިގެންދިޔައީ ހަމައެކަނި މާލެ ތަރައްގީ ކުރުމަށް ކުރި މަސައްކަތްތައް ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫ ތަސައްވަރު ހަގީގަތަކަށް ހެދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ މިމަސައްކަތްތައް ކުރާނެ ބަޔަކު ކަމަށެވެ. މިފަސް އަހަރުގެ ތެރޭގައި އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް މަސައްކަތްކުރާއިރު، އައްޑޫއަކީ ދެވަނައަށް އޮތް އެންމެ ބޮޑު އިކޮނޮމިކް ސެންޓަރަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އައްޑޫގެ ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށާއި އެހެން ނޫނީ މިމަސައްކަތް ކުރުމަށް ވަރަށް ދަތިވެގެންދާނެ ކަމަށެވެ.
"ނަމަވެސް އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގަ ރާއްޖެ ތަރައްގީ ކުރުމަށް ޕްލޭން ކޮށްގެންއައިގޮތް ޚާއްސަކޮށް އައްޑޫގެ ބޭފުޅުންނަށް ވަރަށް ސާފުކޮށް އެމްޑީޕީގެ ވިސްނުން ހުރިގޮތް އެނގޭނެ. ފެނިފަ ހުންނާނީ. އެހެންވީމަ މިހާރު ވެސް އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދެތިން ހަތަރު ބިލިއަނެއްހާ ރުފިޔާއިން އައްޑޫ ރައްޔިތުންގެ މި ވިޝަންތަކުގަ ކުލަޖެއްސޭނެ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޕްލޭން ކޮށްފައިއޮތީ އިގްތިސާދު ކުރިއެރުވޭނެ ގޮތަށް ޓޫރިޒަމް ކުރިއެރުވަން ކަމަށާއި، އައްޑޫގައި މިސިނާއަތް ދުނިޔޭގެ ފެންވަރުގަ ކުރިއެރުވޭނެ ކަމަށެވެ. އަދި ވިދާޅުވީ 8000 އެނދުގެ އިތުރުން ބައެއް ރިސޯޓާ ސިޓީ ހޮޓާ ހެދުމުގެ މަޝްރޫއުތައް އައްޑޫގައި ކުރިއަށް ގެންދާނެ ކަމަށެވެ.
"އެއާ ގުޅޭ އިންފްރާސްޓަކްޗަރ ކުރިއަށް ގެންދިއުމަށްޓަކައި މަގުތައް ހެދުމާ މީހުން އައްޑޫގަ ދިރުއުޅުމަށްޓަކައި ސްކޫލުތަކާއި، ހޮސްޕިޓަލްތަކާ މިފަދަ ބޭނުންވާ ކަންކަން ވެސް އަޅުގަނޑުމެންގެ ޕްރޮގްރާމްގައި އެބަހުރި" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިފަސްއަހަރުގެ ތެރޭގަ އައްޑޫއަކީ މީހުން އުޅެން ބޭނުންވާ އަދި މީހުންނަށް އަރާމު ދިރިއުޅުމެއް އުޅެވޭނެ ތަނަކަށް ހެދިގެންދާނެ ކަމަށެވެ. މިމަސައްކަތްތައް ކުރުމަށް އެފައިސާ ލިބޭނެ ގޮތް ވެސް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.