އެޖެންޑާ 19ގައިވާ އައްޑޫގެ ތަސައްވަރުގައި ހިމެނިފައިވާ ކަންކަން ތަރައްގީ ކުރަން ހޭދަވާނީ އެންމެ ދެ އަހަރު ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫގެ ތަސައްވަރު ތައާރަފް ކުރަން ގިޔާސުއްދީން ސްކޫލްގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގެ ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރަށް އައްޑޫ ރައްޔިތުންގެ އިހުސާސްތައް އެނގޭ ކަމަށާއި، އައްޑޫ ތަރައްގީ ކުރަން ބޭނުންވަނީ އެ ސިޓީގެ ރައްޔިތުންގެވެސް ބައިވެރިވުމާއި އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ މި މަގްސަދުތައް ހާސިލް ކުރުމަށް، ސަރުކާރުން ހިންގާ މި މަޝްރޫއުތަކަށް އެބޭފުޅުން (އައްޑޫގެ ރައްޔިތުން) ވެސް އެއްޗެއް ވިދާޅުވެ ދިނުން" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އައްޑޫ ރައްޔިތުންގެ ބޭނުންތަކަށް އައްޑޫ ސިޓީގެ ބިންތަށް ދޫކުރުން ކަމަށާއި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ދަށުން މި ކަންކަން ވެސް ފުރިހަމަ ވެގެން ދާނެ ކަމަށެވެ.
މި ބައްދަލުވުމުގެ ބައިވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތަސައްވަރެއް އެބޮތް ކަމަށާއި އޭގައި މައްސަލައެއް ނެތް ކަމަށެވެ. އެ ތަސައްވަރު ކާމިޔާބީއަކަށް ހެދިދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ވެސް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތަރައްގީގެ ވިސްނުމަކީ ނުވަތަ ތަރައްގީއަށް މަގު ފަހި ކުރުމަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ވަރަށް ފަރިތަކަމެއް. އަޅުގަނޑުމެން ވަރަށް ސާފުކޮށް ދަންނަ ކަމެއް" ނަޝީދު ވިދާޅުވިއެވެ.
އެޖެންޑާ 19ގެ އައްޑޫގެ ތަސައްވަރުގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން 300 މިލިއަން ޑޮލަރުގެ މަޝްރޫއުތައް ރޭވިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި އައްޑޫގެ ބަނދަރާއި އެއަރޕޯޓު ތަރައްގީ ކުރުމުގެ އިތުރުން، ފަތުރުވެރިކަން ތަރައްގީ ކުރަން ވެސް ހިމެނިފައިވެއެވެ.