އެޖެންޑާ 19 ގައި އެމްޑީޕީން ގެންގުޅޭ އައްޑޫ ސިޓީގެ ތަސައްވަރު ހުށަހަޅައިފިއެވެ.
އައްޑޫ ސިޓީގެ ތަސައްވަރު ހުށަހަޅުއްވައި ދެއްވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ސާދިގު (ސޯބެ) އެވެ.
ސޯބެ ވިދާޅުވީ މި ތަސައްވަރަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވަރެއް ކަމަށާއި މިއީ އައްޑޫގެ ރައްޔިތުންނާއި ޖަމުއިއްޔާ ޖަމާޢަތްތަކުގެ މަޝްވަރާއާއި އެކު ހެދިފައިވާ ތަސައްވަރެއް ކަމަށެވެ.
އައްޑޫގެ ރައްޔިތުން ބޭނުންވަނީ ސަސްޓެއިނަބަލް ސިޓީއަކަށްވާން ކަމަށާއި އުފެއްދުންތެރި ފަންވަރު ހުރި ދިރިއުޅެން ހިތްގައިމު ސިޓީއަކަށް ވާން ކަމަށް ސޯބެ ވިދާޅުވިއެވެ.
އަދި މި ތަސައްވަރަށް ވާސިލް ވެވޭނީ އަށް އަމާޒަކަށް ވާސިލްވެގެން ކަމަށް ސޯބެ ވިދާޅުވިއެވެ.
ސޯބެ ހުށަހެޅުއްވި ކަންތައްތަކުގެ ތެރޭގައި ރަނގަޅު އިގްތިސާދެއް ބިނާކޮށް އެންމެނަށް ވަޒީފާގެ ފުރުސަތު ލިބުން ހިމެނެއެވެ. އެގޮތުން ފަތުވެރިކަމުގެ ދާއިރާ ފުޅާކޮށް، ގެސްޓް ހައުސް، ހޯމް ސްޓޭ އަދި ގުޅުންހުރި ފަތުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކުން ވަޒީފާ އިތުރުވެ އާމްދަނީ ލިބުން އިތުރުވާން ޖެހޭކަމަށް ވިދާޅުވިއެވެ.
މަތީ ތައުލީމާއި ޓެކްނޮލިޖީގެ ދައިރާއިން 500 އަށްވުރެން ގިނަ ވަޒީފާ އުފެއްދުމަކީ އަމާޒެއްކަމަށް ސޯބެ ވިދާޅުވިއެވެ.
ވިޔަފާރި ހަތަރު ގުނައަށް އިތުރުކުރުން މިއީ މި ފަސްއަހަރު ތެރޭ އަމާޒުހިފާފައި ހުރި ދިމާލެއް ކަމަށާއި އައްޑޫ އަކީ ވިޔަފާރީގެ ނާރެހަކަށް ހެދުމަކީ އަމާޒެއް ކަމަށް ސޯބެ ވިދާޅުވިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ މަސްވެރިން މިހާރު ބާނަމުންދާ 7000 މެޓްރިކްޓަނުގެ މަސް 15000 މެޓްރިކް ޓަނަށް އިތުރުކުރަމަކީ ބޭނުންވާ އަމާޒު ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ތަސައްވަރުގައި ހިމެނޭ އިތުރު ކަންތައްތަކުގެ ތެރޭގައި ސައްތައިން ސައްތަ އޯގަނިކް ދަނޑުވެރިކަމަށް ބަދަލުކުރުމާއި، ކުދިންނަށް ފުރިހަމަ ތައުލީމެއް ދިނުމަށްޓަކައި 14 އަހަރުގެ ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ،ރަނގަޅު އިގްތިސާދެއް ބިނާކުރުމަށްޓަކައި އަގުހެޔޮ ހަކަތަ ފޯރޮކޮށްދިނުންމާއި، ނަރުދަމަގެ ނިޒާމް ފުރިހަމަކޮށް ހުރިހާ ގެއެއް ނަރުދަމާ ނިޒާމާ ގުޅާލުން ހިމެނެއެވެ.
މީގެ އިތުރުން ގެދޮރުވެރިކުރުވުމާއި، ކުނި ނައްތާލަން ރަނގަޅު ނިޒާމެއް ގާއިމްކުރުމާއި، ކިޅިއާއި ކަނޑޫފާ ރައްކާތެރިކޮށް ދޫނީގެ ސެންކްޗުއަރީއެއް ގާއިމް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ސޯބެ ވިދާޅުވިއެވެ.
އަދި ސިއްހަތަށް އެންމެ ރަނގަޅު އާދަތަކާއި މޮޅު ބޭސްފަރުވާ އާއި، އޯގާތެރި މޮޅު ޑޮކްޓަރުންނާއި ނަރުހުން އިތުރުކުރުމާއި، އެކާވީސް ވަނަ ގަރުނަށް އެކަށޭނެ ޒަމާނީ މޮޅު ބޭސްފަރުވާ ފޯރުކޮށްދިނުންވެސް މި ތަޞައްވުރުގައި ހިމެނެއެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ ފަސް ނާރެހަކަށް ގަމުން ވައިގެ ދަތުރުފަތުރު ފެއްޓުމާއި ، އެވްރެޖް އިންޓަނެޓް ކަނެކްޝަން ސްޕީޑް 100 އެމްބީޕީއެސް އަށް މަތިކުރުމާއި، އެކްސިޑެންޓުން މަރުވާ ނުވަތަ ބޮޑު ހާނިއްކަ ލިބޭ މީހުންގެ އަދަދު ސުމަކަށް ގެނައުމާއި، އައްޑޫ ސިޓީގައި ކުރާ ދަތުރުތަކުގެ %60 އަކީ ފެރީއާއި ބަސްދަތުރު ކަމުގައި ހެދުމާއި، އައްޑޫ ޕޯޓަށް ގެންނަ މުދަލުގެ މިންވަރު ހަތަރު ގުނައަށް އިތުރުކުރުމާއި، އުފާވެރި އެކުވެރި މުޖުތަމަޢުއެއް ބިނާކުރުމާއި، އާސާރި ތަންތަނާއި ތަރިކަ ހިމާޔަތްކޮށް ދަމަހައްޓައި ނަފާލިބޭގޮތް ހެދުމާއި، ޖޯޝާއި ފޯރިގަދަ މަޖާ ފެސްޓިވަލް ތަކާއި އިވެންޓްތައް ބޭއްވުމާއި، ފަންނުވެރިކަމާއި ހުނަރު ދިރުވައި ޒުވާން ފަންނާނުން އުފެއްދުމުގެ އިތުރުން ކުޅިވަރުގެ ދުނިޔޭގައި ނަން ހިނގާ ބައިނަލްއަގްވާމީ މަންޒިލަކަށް އައްޑޫ ސިޓީ ހެދުން ހިމެނެއެވެ.