Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 16:39
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ--
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ--
ގޫގުލް
ލޯކަލް ކައުންސިލް އިންތިހާބު
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
ރަޖިސްޓްރީ ކުރުން ހުޅުވާލާފައި ވަނީ ފެބުރުއަރީ 19 އިން މާރޗް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް
ކުރިން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވެސް ވޯޓް ލާ ތަން ބަދަލުކުރުމުގެ ފުރުސަތު އެބައޮތް
ކައުންސިލްތަކުގެ އިންތިހާބު އޭޕްރީލް މަހުގެ 15 ވަނަ ދުވަހު

އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު ދެ ވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ފެބްރުއަރީ 19 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ  2ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރަޖިސްޓްރީކުރަންޖެހޭނީ މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި ރަޖިސްޓްރީކުރި ތަން ނޫން އެހެން ތަނެއްގައި ވޯޓުލާ ނަމަ ކަމަށެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބާ ޖަމާލުއްދީން) އިން ކަމަށެވެ.

 

ރާއްޖޭން ބޭރުގައި ބަހައްޓާ ވޯޓުފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

 

ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލާއެކު އޭގެ ކޮޕީއެއް ހުށަހަޅަންޖެހޭއިރު، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. ހަމައެއާ އެކު އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

 

އިލެކްޝަންސް ކޮމިޝަނުން ބުނީ ރާއްޖޭގައި ނަމަ ރަޖިސްޓަރީކުރުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 5:00 އަށެވެ. ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ރަޖިސްޓަރީ ކުރުން އޮންނާނީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ހަވީރު 4:00 އަށް އަދި ބަންދު ދުވަސް ދުވަހު މެންދުރު 12:00 އިން ހަވީރު 5:00 އަށް ކަމަށް ވެސް އެލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް