ޒަމާނީ މެޝިނެއްގެ އެހީގައި ޓީބީއަށް ޓެސްޓް ހެދުމުގެ ޚިދުމަތް ދިނުމަށް ''ޖީން އެކްސްޕާޓް ސާވިސް'' ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރެއިން ޓީބީގެ ބަލި ދެނެގަތުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖީން އެކްސްޕާރޓް މެޝިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ގޮތުން ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއާ ގުޅިގެން ހދ. އަތޮޅުގައި ޖީން އެކްސްޕާޓް ސާވިސް ތައާރަފްކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ޖީން އެކްސްޕާޓްގެ ސަބަބުން ޓީބީ ބަލި ފަސޭހައިން ދެނެގަނެވިގެންދާ ކަމަށެވެ. އަދި ޖީން އެކްސްޕާޓްގެ ޙިދުމަތާއި ޓީބީ ސްކްރީނިންގް އަށް މި ގާއިމުކުރެވޭ ސިސްޓަމުން ރާއްޖޭގައި ޓީބީ ދެނެގަނެވޭ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމަށެވެ.
ރާއްޖެއަކީ ޓީބީ ނައްތާލުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރާ ގައުމެއް ކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ދަށުން ހިނގަމުންދާ ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމަކީ ރާއްޖޭގައި ޓީބީ އަށް ފަރުވާ ކުރުމާއި ބަލި މީހުންނަށް ފަރުވާ ކުރުމާއި، ރާއްޖޭން މިބަލި މަދުކުރުމަށް މަސައްކަތްކުރާ، މައި އިދާރާ ކަމަށެވެ. އަދި ޓީބީ ބަލި ހުރިކަން ކަށަވަރު ކުރެވޭ ކޮންމެ މީހަކު، ނެޝެނަލް ޓިބީ ޕްރޮގްރާމްގައި ރަޖިސްޓްރީވެ، އެ މީހަކަށް ބޭނުންވާ ޓެސްޓްތަކާއި ބޭނުންވާ ބޭސް ހިލޭ، ޓީބީ ޕްރޮގްރާމްގެ ތެރެއިން ފޯރުކޮށްދެވޭ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ނެޝަނަލް ޓީބީ ޕްރޮގްރާމުން މިހާރު އެންމެ މުހިއްމު ގޮތެއްގައި ކުރިއަށް ގެންދާ ކަންތައްތަކުގެ ތެރޭގައި ބަލި މީހުންނަށްދޭ ޚިދުމަތްތަކުގެ އިތުރުން ރާއްޖެއިން ޓީބީ ނައްތާލުމުގެ ސްޓްރެޓަޖިކް ޕްލޭންގައިވާ ކަންތައްތައް ރާވާ ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ ސްޓްރެޓެޖިކް ޕްލޭންގެ ތެރެއިން، ޓީބީ އިން ރައްކާތެރިވުމަށް ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ، މިބަލި ޖެހިފައިވާކަން ނުވަތަ ނޫން ކަން ދެނެގަނެ، ބަލިޖެހިފައިވާ ނަމަ ބަލީގެ ކުރީކޮޅު ފަރުވާ ފެށުން ކަމަށެވެ. ޓީބީ އަދި އެހެން ވެސް ބައްޔެއް ޖެހޭ މީހާ މުޖުތަމައުއިން މުޅިން އެކަހެރި ކުރުމަކީ އާއްމު ޞިއްހަތުގެ އުޞޫލްތަކާ ތަޢާރަޒްވާ ކަމެއް ކަމަށާއި، ރާއްޖެއިން ޓީބީ ނައްތާލުމަށް މިސަރުކާރުން ޙާއްސަ އަހައްމިޔަތުކަން ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.
ޓީބީ ނުވަތަ ޓިއުބަރކިއުލޯސިސްއަކީ ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ ގައިން ގަޔަށް އަރާ ބައްޔެވެ. މިއީ މައިކޯބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިއާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުން ޖެހޭ ބައްޔެކެވެ. ޓީބީ ބަލި އާއްމުކޮށް ޖެހެނީ ފުއްޕާމެޔަށް ކަމަށް ވިޔަސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހިދާނެއެވެ. ބޭހަށް ނުގުޑާ ޓިބީ (އެމް.ޑީ.އާރ ޓީބީ) އަކީ އާއްމުކޮށް ޓީބީ އަށް ދޭ ބޭސްތަކުގެ ތެރެއިން ބައެއް ބޭހުގެ އަސަރު ނުކުރާ ވައްތަރެކެވެ.