ރާއްޖޭގެ ގައުމީ ބޭންކް (ބީއެމްއެލް) އިން އެ ބޭންކުގައި މަސައްކަތް ކުރާ ހުރިހާ އަންހެން މުވައްޒަފުންގެ މައްސަރު ދުވަސްވަރު ބޭނުންކުރާނެ ޕެޑު ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްއިން ބުރާސްފަތި ދުވަހު ބުނީ އެ ބޭންކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބުރާސްފަތި ދުވަހުން ފެށިގެން ޕެޑް ހިލޭ ލިބޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕެޑަކީ އަންހެންނުންނަށް ޒަރޫރީ އެއްޗެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.
އެ ބޭންކުގެ ހުރިހާ ބްރާންޗުތަކަކުންނާއި އަދި ހުރިޙާ ޑިޕާޓްމެންޓްތަކުން ވެސް މިބާވަތުގެ ޒަރޫރީ ސާމާނު އަންހެން މުވައްޒަފުންނަށް ލިބެން ހުންނާނެ ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމާ ހަވާލުވި ފަހުން ޕެޑުން ނަގާ ޓެކްސް ވަނީ މަޖިލިސް މެދުވެރިކޮށް އުނިކޮށްފައެވެ. އެކަން ކުރެވުނީ "މައްސަރު ޓެކްސް ހުއްޓާ" ގެ ނަމުގައި ސޯޝަލް މީޑިޔާގައި ކުރި ބޮޑު ބިޔަ ކެމްޕޭނަކަށް ފަހުއެވެ.