ދިވެހިރާއްޖޭގެ ތާރީހު ބުނެ ދިނުމުގައި އަންހެނަކަށް ވީތީ ތަފާތުކުރުން ގެންގުޅެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ، މިންތީގެ ހަމަހަމަކަމާ ގުޅޭ މައްސަލަ ނައްތާލެވޭނީ، އެކަމުގައި ދެ ޖިންސުގެ ބައިވެރިވުން ފުރިހަމައަށް ލިބިގެން ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީހު ދައްކާ ގޮތުން ސިޔާސީ އަދީ އިޖްތިމާއީ ގޮތުން އަންހެނުންނަށް ފުރުސަތުތައް ލިބިފައިވާ ކަމަށެވެ.
''ތާރީހަކީ އަމާނަތެއް ކަމަށްވާއިރު ވަކި ޖިންސަކަށް ވީތީ އެ ޒިކުރާ އަދާނުކޮށް އޮތް އޮތުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް. ގައުމުގައި މިއަދު ބިނާ ކުރެވޭ މާސިންގާ ބިނާތަކާއި، އުސް އިމާރާތްތަކަށް ނަން ކިޔުމުގައި މި ތަފާތު އަޅުގަނޑުމެންނަށް އަމަލުން ދައްކުވައިދީފައިވޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިއީ ގައުމަށް އަގުހުރި ހިދުމަށްތަކެއްވި އަންހެން ބޭފުޅުންނަށް ވެވިފައިވާ ވަރަށް ބޮޑު ބޭއިންސާފެއް،'' ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޖަލްސާތަކުގައި އާއި ސްކޫލްތަކުގައި އެކި ރަސްރަސްކަލުންގެ ހިތްވަރާއި އަޒުމާއި ޝަރަފްވެރިކަން ބަޔާންކުރައިރު ރެހެންދި ހަދިއްޖާގެ ހަޔާތް ސިފަކުރެއްވިފައި ވަނީ ދެ ފިރިކަލުން އަވަހާރަ ކޮށްލެވި ނުފޫޒު ގަދަ އަންހެނެއް ގޮތުގައި ކަމަށެވެ. ތަރީހީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅާއި، ދެ ފިރިކަލުން އަވަހާރަ ކޮށްލިކަން ބަޔާންކޮށްފައި އޮތް ނަމަވެސް އެކަމުގައި އެކަމަނާ އަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
''ރެހެންދި ހަދީއްޖަ ރަނިކަމުގައި ހިނގާފައިވާ ކަމަށް ބަޔާން ކޮށްފައިވާ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް އެކަމުގެ ހަގީގަތް ކުރިޔަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް ތާރީހު އިލްމުވެރިންނަށް މި ފުރުސަތުގައި އަޅުގަނޑު ގޮވާލަން،'' މިނިސްޓަރު ވިދާޅުވިއެވެ.