ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ހައުސިންގ ޔުނިޓްސް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކޮށްދޭން ބޭނުންވާ ޝަރުޠުހަމަވާ ރާއްޖެއާއި ރާއްޖޭންބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ފިނޭންސުން ބުދަ ދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓަށް ޝައުގުވެރިވާ ބޭރުގެ އަދި ރާއްޖޭގެ ފަރާތްތަކަށް 10 މާރިޗު 2019 އިން 3 އޭޕްރިލް 2019 އަށް ބީލަން ހުށައެޅުމަށް ހުޅުވާލާކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1500ރުފިޔާ ގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 100000 (އެއްލައްކަ ރުފިޔާ) ނުވަތަ އެ އަދަދަށްވާ ޑޮލަރު ބަހައްޓަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އަށް އީމެއިލް ކުރަން ޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 4 އޭޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.
ތުޅާދޫގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރު ހިއްކި ބިމުގައި 100 ހައުސިން ޔުނިޓް ހެދުމަށް ޔާމީންގެ ސަރުކާރުން ބިންގާ އެޅީ 2013 ވަނަ އަހަރުއެވެ.
ބިންގާ އަޅުއްވައިދެއްވަމުން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ދެ އަހަރުގެ ތެރޭގައި އެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިންމާނެ ކަމަށެެވެ. އަދި އިތުރު 100 ހައުސިން ޔުނިޓްވެސް އަޅައިދޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް 2013 ވަނަ އަހަރު ބިންގާ އަޅައި ބައެއް ޔުނިޓްތަކުގެ އިމާރާތްކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް އެމަސައްކަތް މިހާރު ވަނީ އެއްކޮށް ހުއްޓިފައެވެ.