ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ މައުލޫމާތު ހިމެނިފައި ނެތުމުން ޕޮއިންޓް ދީފައިވާ ގޮތް އާންމުކުރުމަށްފަހު ފްލެޓަށް އަލުން ޝަކުވާހުށައެޅުމަށް އަންނަ ހަފްތާގައި ހުޅުވާލުމަށް ނިންމައިފިއެވެ.
"ހިޔާ" މަޝްރޫއާއި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" އަދި "ގެދޮރުވެރިކުރުވުން މަޝްރޫއު"ގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސް އޮފީހުގެ ވެބްސައިޓްގައި މިދިޔަ ހޯމަ ދުވަހު ވަނީ އާންމު ކޮށްފައެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 25ގެ ނިޔަލަށް ހުޅުވާލާފައެވެ.
އެކަމަކު އެ ލިސްޓުތަކުގެ ތެރެއިން ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ މައުލޫމާތު ހިމަނާފައެއް ނުވެއެވެ. ހަމަ އެކަނި އާންމުކޮށްފައިވަނީ އެމީހުންގެ ވަނަވަރު އެކަންޏެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޓީގެ މެމްބަރު އަހްމަދު ތޮލާލް ރާއްޖެއެމްވީއަށް ވިދާޅުވީ އާންމުންގެ ޝަކުވާއާއިއެކު އެކޮމެޓީން މަސައްކަތް ކުރަނީ އަންނަ ހަފްތާގައި ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ މައުލޫމާތު އާންމު ކުރުމަށް ކަމަށެވެ.
"ކުރީ ސަރުކާރުން ނިންމާފައި ވާ ލިސްޓެއް އާންމު ކުރީ. އާންމުންގެ ޝަކުވާއާއި ގުޅިގެން ކޮމެޓީއިން މަސައްކަތް ކުރަނީ އަންނަ ހަފްތާގައި ޕޮއިންޓް ދީފައިވާ ގޮތުގެ ލިސްޓް އާންމު ކުރުމަށް. އިރާދަކުރެއްވިއްޔާ އަންނަ ހަފްތާ ފެށޭތާނގައި އެކަން ވާނެ." ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ޕޮއިންޓް ދީފައިވާ ގޮތް އާންމު ކުރުމުން އެލިސްޓަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ވެސް އިތުރު ވާނެ ކަމަށެވެ. އެހެން ނަމަވެސް "ހިޔާ" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް"އަށް ޝަކުވާ ހުށައެޅުމުގެ މުއްދަތު ކުރިން ވެސް އޮތްގޮތަށް މިމަހުގެ 25 ގައި ހަމަވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ރައީސް އޮފީހުން ހާމަކުރި ލިސްޓުގައި އެދެ ޕްރޮޖެކްޓަށް ޕޮއިންޓް ލިބިފައިވާ ތަފްސީލު ހިމަނާފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން C1 ކެޓަގަރީއިން ވަނީ 492 ފަރާތަކަށް ފްލެޓް ލިބިފައެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން C2 ކެޓަގަރީއިން ވަނީ 166 މީހަކަށް ފްލެޓް ލިބިފައިވެއެވެ.