މިއަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން އިން ބުދަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، މާޗް މަހުގެ ހަވަނަ ދުވަހުން ނުވަ ވަނަ ދުވަހަށެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު" އެވެ.
އީސީން ބުނީ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުން ކަމަށެވެ. އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގެ އިތުރުން މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒުގައި މާޗް މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ.
އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 ކަމަށާއި، ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ފޯމު ހުށައެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އީސީން މައުލޫމާތުދެއެވެ.
މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް 406 ކެންޑިޑޭޓުން ވަނީ ފޯމް ހުށަހަޅުއްވާފައެވެ. އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންގެ ފޯމު ވަނީ ބާތިލުކޮށްފައެވެ. އަދި އަށް ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ނަގާފައެވެ.