ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ވެލިދުއަށް ދަތުރުކުރަމުންދާ ލޯންޗަކުން އެރަށަށް މީހަކު މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މާޗު ހަތަރުވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގެ ތެރެއިން، އެލޯންޗު ވެލިދޫއަށް އައުމުން 40 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ބުލެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
މިމައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މީގެ އިތުރުން ށ.ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 19 އަހަރުގެ ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މާލެއިން މިމީހާ ހައްޔަރުކުރީ ފޯކައިދުއަށް ދަތުރުކުރާ ބޯޓަކުން މީހަކު ފޯކައިދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާޗު ހަތަރުވަނަ ދުވަހުގެ 05:30 ހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި، ފޯކައިދޫ ބަނދަރު ސަރަހައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއްނިންމުމަށް ށ. ފޯކައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވެއެވެ.
މިމައްސަލަ ށ.ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އދ މާމިގިލިން ވެސް މަސްތުވާތަކެއްޗާއެކު ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން މާމިގިއްޔަށް މުދާ ހިފައިގެން ދަތުރުކުރަމުންދާ ދޯންޏަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން މާރިޗް ފަސް ވަނަ ދުވަހުގެ 16:10 ހާއިރު އިންޓެލިޖެންސާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ މީހެކެވެ.
ފުލުހުންގެ ހިންގި މިއޮޕަރޭޝަންގެ ތެރެއިން، އެދޯނި މާމިގިލީ ޖެޓީއާއި ގާތްކުރި ވަގުތު ފުލުހުން އެ ދޯންޏަށް އަރާ މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ޖޫސްޕެޓީ ކޮތަޅެއް އޭނާގެ އަތުގައި އޮތް ދަބަހުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. ދިގުރަށު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައިވާ ކަމަށެވެ.
މިމައްސަލަ އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.