ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ފެށީ ޑިމޮކްރަސީގެ އެންމެ މަތީ ހަރުފަތަށް ޤައުމު ގެންދިއުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މާއްދާ ހަތަރެއްގެ ނަމުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ފެށުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ މާއްދާ ހަތަރެއްގެ ޝިއާރާއެކު ކެމްޕޭނަށް ނުކުތީ ރާއްޖެ ޑިމޮކްރަސީގެ އެންމެ މަތީ ހަރުފަތަށް ގެންދިއުމަށް ކަމަށެވެ. އަދި މާއްދާ ހަތަރަކުން ޑިމޮކްރަސީގެ ހުރިހާކަމެއް އަސާސްތަކެއް ބުނެދޭކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް އެންމެ ފުރިހަމަ ނޫންކަން ނިމުނު އަހަރުތަކުގެ ތަޖުރިބާއިން ބުނެދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިންނާއި، ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގަޔާއި، އަދުލު އިންސާފު ޤާއިމްކުރުމުގައި އިސްލާހްކުރަންޖެހޭ ގިނަ ކަންތައްތަކެއްހުރިކަމަށް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިސްލާހީ މަސައްކަތްތައް ފެށިގެން އަންނަންޖެހޭކަމަށް ގަބޫލުކުރައްވަނީ ރައްޔިތުންްގެ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެގޮތުން މަޖިލީހަށް އިންތިހާބުވާ މެމްބަރުންނަކީ އިސްލާހީ ވިސްނުމުގައި، ނަޒާހަތްތެރި ބަޔަކަށްވާންޖެހޭކަމަށާއި، މަޖިލީސް އިސްލާހު ނުވެ، އެހެން ދާއިރާތައް އިސްލާހްނުކުރެވޭނެކަމަށް މައުމޫން ވިދާޅުވި އެވެ. އެހެނީ ޖުޑީޝަރީވެސް، މިނިވަން މުއައްސަސާތައްވެސް، އަދި ސަރުކާރުވެސް އިސްލާހްކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވުމުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕާޓީތަކުން އެކުގައި މަޖިލީސް އިންތިހާބަށް ވާދަކުރުމަށް އެއްބަސްވިކަމަށެވެ. އެކަމާއި އެއްވެސް ފަރާތަކަށް ދެކޮޅު ނުވެވޭނެކަމަށާއި، ޕާޓީތަކުން އެކުގައި އިންތިހާބުގައިވާދަކުރިނަމަ ވަރަށް ރަނގަޅުވީސް ކަމަށް ވިދާޅުވިއެވެ. އަދި ރައީސް މައުމޫން ވިދާޅުވީ ކޮންމެ ގޮތަކަށް ކަންތައްތައްވިޔަސް، އެމްއާރުއެމް އަބަދުވެސް އޮންނާނީ ސަރުކާރުގެ ބައިވެރިޔެއްގެ ގޮތުގައެވެ.
އެ މޭރުމުން ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ސަރުކާރު ބައިވެރިޔެއްގެ ގޮތުގައި ސާބިތުކަމާއެކު މަސައްކަތްކުރައްވާނެ ކަމަށާއި، ޤައުމު އިތުރަށް ހަލަބޮލިވުމަށް ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
ކެމްޕޭން ފެށުމަށް ބޭޭއްވި ޖަލްސާގައި، މައުމޫންގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވަނީ ތައާރަފްކޮށްފަ އެވެ. އަދި ކެމްޕޭން ލަވަވެސް ލޯންޗްކޮށްފަިއވާއިރު، މާއްދާ ހަތަރެއްގެ އަސާސްތައްވެސް ވަނީ ހާމަކޮށްފަ އެވެ.