ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މެމްބަރެއް ކަމަށާއި، ބައިވެރިވެވަޑައިގެން ހުންނެވީ އެ ޕާޓީގެ ކެމްޕޭނުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެެވެ.
ބުދަ ދުވަހު އަމީނިއްޔާ ސްކޫލްގައި ބޭއްވި އެޖެންޑާ 19ގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ އެ މަނިކުފާނު އަމަލީ ގޮތުން ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެމްޑީޕީގެ މެމްބަރުންނަށް ޔަގީންކޮށް އެރުވުމުގެ ގޮތުން ކަމަށެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓަކީ އެ ޕާޓިގެ ކެނޑިޑޭޓު ކަމަށާއި، އެކަން އެ މަނިކުފާނަށް ސާފު ކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހު މިހެން ވިދާޅުވެފައި މިވަނީ ބައެއް ޕާޓީތަކުގެ ކެނޑިޑޭޓުން ވާދަ ކުރައްވަނީ ރައީސް ސޯލިހުގެ ތާއީދާ އެކު ކަމަށް ވިދާޅުވަމުން ގެންދަވަނިކޮށެވެ.
"އަޅުގަނޑަށް ވަރަށް ސާފު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކެނޑިޑޭޓަކީ ކާކުކަން. އެމްޑީޕީގެ ކެނޑިޑޭޓަކީ އެމްޑީީޕީގެ ކެނޑިޑޭޓު، އެނޫން ކެނޑިޑޭޓެއް ނެތް،" ރައީސް ސޯލިހު ވިދާޅުވި
ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މަޖިލީހުގެ ބޮޑު ބައެއް އެމްޑީޕީއަށް ބޭނުންވާ ސަބަބު ވެސް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ މަޖިލީހަކީ ދައުލަތެއް ހުއްޓުވާލެހޭ ބާރު އޮތް ތަނެއް ކަމަށާއި، އެހެންކަމުން އެ ޕާޓީން ވީ ވައުދުތައް ފުއްދުމަށް އެމްޑީޕީގެ ބޮޑު ހިއްސާއެއް މަޖިލީހުގައި އޮންނަން ޖެހޭ ކަމަށެވެ. އަދި ރައީސް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ އެ ވައުދުތަކަށް ތާއީދުކުރާ ބައެއް ކަމާ މެދު އެ މަނިކުފާނަށް ޝައްކެއް ވެސް ނެތް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް އެމްޑީޕީން ކުރިމަތިލާފައި ވަނީ ކުރީގެ އިންތިހާބުތަކުގެ ނާކާމިޔާބީގެ ތަޖުރިބާގެ އަލީގައި ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރަން ބޭނުންވަނީ އެއްމެން އެއް ޓީމެއްގެ ގޮތުގައި އެއް އަޒުމެއްގައި މަސައްކަތް ކުރުން ކަމަށެވެ.
"2008 ވަނަ އަހަރުން ފެށުގެން ބޭއްވުނު ދެ އިންތިހާބުގައި ވެސް އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އަދި އޮތީ ނެގޭ ގޮތް ނުވެފަ. އެ ތަޖުރިބާގެ އަލީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ނިކުންނަނީ ވަރަށް ތައްޔާރުވެގެން " ރައީސް ސޯލިހު ވިދާޅުވި
ރައީސް ވިދާޅުވީ އެމްޑީޕީން މިފަހަރު ނިކުތީ ވޭތުވެ ދިޔަ ސަރުކާރުން ކުރި ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ އެކަހަލަ ކަންކަން ކުރާ މީހުން ޖަވާބު ދާރީ ކުރެވެން ޖެހޭ ކަމަށެވެ. އަދި ދެން އަންނަ ސަރުކާރަކަށް ވެސް އެ ޒާތުގެ ކަންކަން ނުކުރެވޭ ގޮތް ހެދޭނީ އެމްޑީޕީން ގަބޫލުކުރާ އުސޫލުތަކަށް ގާނޫނޫތައް ބައްޓަން ކުރެވޭ މަޖިލީހެއް އޮވެގެން ކަމަށް ވިދާޅުވެފައެވެ.