މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ތިން ކެފޭއަކަށް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ބުނީ 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި، ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށް ކަމަށެވެ.
މިހާތަނަށް ހަ ފަރާތަކުން މި ޚިދުމަތް ދިނުމަށް އެދިފައިވާއިރު އެ ތަންތަނުގެ ތެރެއިން ތިން ތަނަށް ހުއްދަ ދިންއިރު، ބާކީ ހުރި ތަންތަނަށް ހުއްދަ ދެވޭވަރު ވާނީ ކޮން ދުވަހަކު ކަމެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
Today, we have issued 24 hour business permits to the following establishments:
— Economy & Trade (@EconDevMv) March 6, 2019
1. The Sea House, Hulhumale Ferry Terminal
2. Saffron Cafe, H. Valige, Sosun Magu
3. Nice N Spice, West Harbour Food Court, Stall No. 11, Block 02, Ameenee Magu.
އިކޮނޮމިކް މިނިސްޓްރީން ވަނީ، ހޮޓާތަކާއި، ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ގޮތަށް ހުއްދަ ދެވޭ ސަރަހައްދުތައް ކަނޑަ އަޅާފައެވެ. އެ ސަރަހައްދު ތަކަކީ މާލޭގެ ބޮޑެތި މަގުތަކުގައި ހުންނަ ތަންތަނެވެ.
މިނިސްޓްރީން ބުނީ، އެ ހުއްދަ ދޭ އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތި ކަމަށެވެ.
24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަން ޖެހެއެވެ.