ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް ސާލިޙްގެ ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި، އެއީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބުކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އދގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ވަޑައިގެން މަސައްކަތް ކުރެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ޔޫއެންގެ ވަފުދު ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވާލައްވައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް މި ބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މިސް ޝޯކޯ ނޯޑާގެ އިތުރުން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ އެސޯސިއޭޓް އެކްސްޕަރޓް މިސް ޗިއާކީ އޯޓާ ބައިވެރިވެ ވަޑައިގެންނެވިއެވެ،
ޔޫއެންގެ ވަފުދު ރާއްޖޭގައި ހަރަކާތްތެރި ވާނީ މާރޗް މަހުގެ 3ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މިވަފުދުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ ޑިވިޝަންގެ ވެރިޔާ މިސް މޯނާ ރިޝްވާމީ އެވެ.