ޓައިނީ ހާޓްސްގެ ދަށުން މިދިޔަ އަހަރު 19 ކުއްޖަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ޖަމިއްޔާގެ އެގްޒެކެޓިވް މެނޭޖަރ މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ޓައިނީ ހާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ނިމާލް ވިދާޅުވީ އުފަންވާއިރު ހިތުގައި ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންގެ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ ސަރުކާރުގެ އާސަންދަ ނިޒާމްގެ ތެރެއިން ކަމަށާއި ނަމަވެސް ހިނގާ އެހެނިހެން އިތުރު ޚަރަދުތަށް ހުންނަ ކަމަށެވެ. އެގޮތުން ޓައިނީ ހާޓްސްގެ ބޯޑުން ކަނޑަ އަޅާ ވަކި ޕަސެންޓެއްގެ ފައިސާގެ އެހީތެރިކަން މި ބަލީގައި ރާއްޖެއިން ބޭރަށް ދާކުދިންނަށް ވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެތެރެއިން މިދިޔަ އަހަރު 19 ކުއްޖަކަށް މަލީ އެހީ ފޯރުކޮށްދީފައިވާ ކަމަށް ނިމާލް ވިދާޅުވިއެވެ.
ޓައިނީ ހާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެޑިކަލް ކޭމްޕްގެ މަގުސަދާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިމާލް ވިދާޅުވި އުފަންވާއިރު ހިތުގައި އުނިކަމެއް ހުންނަ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ހަ މަހުން އެއް ފަހަރު ދައްކަންޖެހޭ ކުދިން ކަމަށާއި އަހަރަކު އެއްފަހަރު ދައްކަން ޖެހޭ ޖެހޭ ކުދިން ތިބޭ ކަމަށެވެ. އަދި ސާރޖަރީއަކަށް ރާއްޖެއިން ބޭރަށް ދާނަމަ ކުރިއަށް އޮންނަ ތިން މަސްތެރޭގައި ޑޮކްޓަރަށް ދައްކަން ޖެހޭކަމަށެވެ. އެހެންކަމުން މި ކޭމްޕުން އެފަދަ ކުދިންނަށް ފަސޭހަކަމާއި އެކު ޑޮކްޓަރަށް ދައްކާ ލުމުގެ މަގު ފަހިވެގެން ދާނެކަމަށް ނިމާލް ވިދާޅުވި އެވެ.
ކޭމްޕް 5 އަހަރު ވަންދެން ހުޅުމާލެ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއީ މި ކޭމްޕް އެ ހޮސްޕިޓަލުގައި ހިންގާ ތިންވަނަ އަހަރު އެވެ.
މިކޭމްޕް ކުރިއަށްގެދާނީ މާރޗް މަހުގެ 10، 11، 12 މި ތިން ދުވަހުއެވެ.
ޓައިނީ ހާޓްސްއިން މި ކޭމްޕް ބާއްވާތާ އެގާރަ އަހަރު ވެފައިވައިރު ޓައިނީ ހާރޓްސްގެ ރަޖިސްޓްރީގައި މިވަގުތު 561 ކުއްޖަކު އެބަތިބި އެވެ.