ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ރ. އިނގުރައިދޫ ކައުންސިލްގެ މެންބަރުންނާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިނގުރައިދޫގެ މިހާރުގެ ހާލަތާއި އެ ރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސް ސޯލިހާ ހިއްސާ ކުރެއްވިއެވެ. އެގޮތުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާވެފައި ނެތުމުން ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާއީ މައްސަލަތައް ކައުންސިލް މެންބަރުން ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، އޮފީސް އިމާރާތުގެ ދަތިކަމާއި ސިއްހީ މަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާ ކަންވެސް އިނގުރައިދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމުވެފައި ނެތުމުން ދިމާވާ ދަތިތަކާއި، ރަށުގައި ތިބެގެން އޭ ލެވެލްއާ ހަމައަށް ތަޢުލީމު ހާސިލު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ބޭނުންވާ ކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ. އަދި ނަރުދަމާ އާއި ފެނުގެ ޚިދުމަތާއި ބެންކުގެ ޚިދުމަތާއި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
މި ބައްދަކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމަކީ ކޮންމެ ދުވަހަކު ވެސް ކައުންސިލްތަކާ ބައްދަލުކޮށް، ރަށްރަށުގެ ހުރި މައްސަލަތައް އޮޅުން ފިލުއްވުމަށް ރައީސް ސޯލިހު ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލު ކުރެއްވުމުކެވެ.