މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ކޮރަޕްޝަން މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތަހްގީގް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހްގީގް ކުރިއިރު ބޭންކްތަކުން މައުލޫމާތު ދޭން ދެކޮޅު ހެއްދެވި ކަމަށް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއައްވިޒު މިހެން ވިދާޅުވީ އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ތަހްގީގް ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުން ހާޒިރުކޮށް މެމްބަރުން ކުރެއްވި ސުވާލުތަކައް ޖަވާބު ދެއްވަމުންނެވެ.
ކޮމިޓީގެ މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހްގީގް އެ ކޮމިޝަނުން ކުރިއަށް ގެންދިޔައިރު ބޭންކުން ބޭނުންވާ މައުލޫމާތު ހޯދުމަށް އެ ކޮމިޝަނުން އެދުމުން އެކަމަށް ބޭންކުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
"ބޭންތަކުން އެއްބާރުލުން ނުދެއްވުމުން، އެމްއެމްއޭއާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު. އެ ކަމާއި ގުޅިގެން އެމްއެމްއޭއިން ބޭންކްތަކާއި ބައްދަލުކޮށް މަޝްވަރާކުރި ފަހުން، ދެން ބޭންކްތަކުން އެއްބާރުލުން ލިބުނީ" މުއައްވިޒު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގުތަކުގެ ތެރެއިން އެންމެ ގިނަ ގޮންޖެހުންތައް ދިމާވި މައްސަލަ ކަމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގައި ބެންކުތަކާއި ދައުލަތުގެ ބައެއް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ފުރަތަމަ މަރުހަލާގެ ތެރޭގައި ލިބިގެން ނުދިޔަކަން މުއައްވިޒު ވަނީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރައްވާފައެވެ. މުއައްވިޒު ވިދާޅުވީ ސަރުކާރުގެ 73 އިދާރާއަކުން ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ފައިސާގެ ގިނަ މުއާމަލާތްތައް ހިނގާފައިވާއިރު،ގިނަ މުއާމަލާތްތައް ހިނގާފައި ވަނީ ނަގުދު ފައިސާއިން ކަމަށެވެ. އެހެންކަމުން އެ ފާއިސާގެ މުއާމަލާތްތައް ހިނގާފައިވާ ގޮތް ޓްރޭސް ކުރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު ކަމަށެވެ.
އޭސީސީން ނެރެފައިވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހްގީގް ރިޕޯޓް ވައްތަރީ، ތަހްގީގް ރިޕޯޓަކަށް ވުރެ ، "ވިޓްނަސް ސްޓޭޓްމަންޓް ކޮމްޕައިލޭޝަންތަކެއް" ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ރިޕޯޓަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ބުނަމުންދަނީ އެ ރިޕޯޓް ފުރިހަމަ ނޫން ކަމަށެވެ.