Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 11:57
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
ފާރިސް މައުމޫން އަދި އައިމިނަތު ނާދިރާ
އަވަސް
ޕީޕީއެމް
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
ޝަރީޢަތް ކުރިއަށް ނުދަނީ ޕީޕީއެމް އިން ހާޒިރު ނުވާތީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރައީސް މައުމޫންގެ ފެކްޝަންގެ ނައިބް ރައީސް އައިމިނަތު ނާދިރާ ޕިޕީއެމްއިން ވަކިކުރުމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިއަދު އެޖެންޑާކޮށްފިއެވެ.  ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ ސިވިލް ކޯޓްގައި އެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:00 އަށް ކަމަށެވެ.

ނާދިރާ ވިދާޅުވީ މިއަދު ތާވަލް ކޮށްފައިވާ އަޑުއެހުމަށް އެ ބޭފުޅުންގެ ފަރާތުން ގާނޫނީ ވަކީލް ހުސްނު ސުއޫދު ވަޑައިގަންނަވާނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވެފައި ވަނީ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އަޑުއެހުންތައް ބޭއްވުމަށް މިހާތަނަށް ތިން ފަހަރެއްގެ މަތިން ކޯޓުގައި ތާވަލުކޮށްފި ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަހަރަކު ޕީޕީއެމް އިން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ދިޔައީ "ޑިސްޕިއުޓް ރިޒޮލިއުޝަން" މަރުހަލާއަށް ކަމަށެވެ. އެމަރުހަލާއަށް ފަހު މިހާރު ތިން ފަހަރެއްގެ މަތިން ކޯޓުގައި އަޑުއެހުން ތާވަލް ކުރި ކަމަށް ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން އެމައްސަލަ ކޯޓުގައި ތާވަލްކުރީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް ކަމަށާއި އެދުވަހު ވެސް މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ނުވީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވުމާ ގުޅިގެން ކަމަށެވެ. ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވަނީ ގަސްދުގައި މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް މައުމޫނު ޕީޕީއެމުން ވަކިކުރީ އިއުލާން ކުރުމެއް ނެތި ޓޫރިޒަމްގެ މަސައްކަތްތަކަށް ރާއްޖޭގެ ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕެއް އެ ޕާޓީން ނެރެފައި ވަނިކޮށް، އެ ނިންމުމާ އޭނާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފާރިސް، ޕާޓީން ވަކިކުރަން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫނު ވަނީ ފާރިސް އެ ޕާޓީން ވަކިނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް
20 ފެބްރުއަރީ 2017 | ހޯމަ 09:59
ނިހާދު
ޔާމީން އަންގާފައިވާ ގޮތަށް ހުކުމް ކުރާނީ.