ކުރީގެ ސަރުކާރުން "ހިޔާ މަޝްރޫއު" ކުރިއަށް ގެންދިއުމުގެ ސަބަބުން ސަރުކާރުގެ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ފަހު ވަގުތު ހިޔާ މަޝްރޫއު ފެށިގެން ދިޔައީ އެއްވެސް ހިންގުންތެރިކަމެއް ނެތި ކަމަށާއި، އެއީ ދެއްކުންތެރިކަމުގެ ގޮތުން ފެށި މަޝްރޫއެއް ކަމަށެވެ.
"ކުއްލިއަކަށް ފަށައިގަތް ޕްރޮޖެކްޓްތަކެއް ހިިޔާ މަޝްރޫއުއަކީ ވެސް. މާ ބޮޑު ޕްލޭނެއް ކުރެވިގެން ކުރެވުނު ކަމެއް ނޫން ކަމަށް މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ. އޭރުވެސް އަޅުގަނޑުމެން އެވާހަކަ ދައްކަމުން ދިޔައިން. މިގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް މި ކަންތައްތަކެއް ރައްޔިތުންނަށް އެކަން ކުރާކަން ދެއްކުމަށް ފެއްޓެވި މަޝްރޫއެއް ގޮތަށް އަޅުގަނޑުމެންނަށް މިއަދު މި ފާހަގަވަނީ. އެހެންވީމާ މީގެ ސަބަބުން އަޅުގަނޑުމެން ސަރުކާރުގެ ކުންފުނިތަކުގެ މާލީީ ހާލަތާއި އަދި މުޅި ކުްނފުނިތަކުގެ މަޤްސަދަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަވަނީ،" ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ ސޮއިކުރި ގިނަ ކުންފުނިތަކާއި އިދާރާތަކުގައި މަސައްކަތް ކުރުމުގެ މާލީ އަދި ފަންނީ ގާބިލްކަން ނެތް ކަމަށާއި، ބައެއް ކުންފުނިތަކުން ބޭރުގެ ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް އުސޫލުން ފްލެޓް އަޅަން ދޫކޮށްފައިވާ އިރު، އަނެއް ބައި ކުންފުނިތަކުން ފްލެޓްތައް އަޅަން ނިންމާފައި ވަނީ އެ ކުންފުނިތަކުގެ ނަމުގައި ބޭރުގެ ބޭންކްތަކުން ނަގާފައިވާ ލޯނު އެހީގެ ދަށުން ކަމަށް ހައުސިން މިނިސްޓަރ އާތިފާ ޝުކޫރު ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅޭ ގޮތުން ފައްޔާޒް ވިދާޅުވީ، ހިޔާ މަޝްރޫއުގައި ސޮއިކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެޗްޑީސީ ފިޔަވައި އިމާރާތް ކުރުމާއި ހައުސިންގއާ ގުޅޭ އެއްވެސް ކުންފުންޏެއް ނެތް ކަމަށާއި، ފާއިތުވި ސަރުކާރުން ހިންގި ގިނަ މަޝްރޫތައް ކުރިއަށް ގޮސްފައި ވަނީ އެ ގޮތަށް ކަމަށެވެ.
"މިދިޔަ ސަރުކާރުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެކަހަލަ ކަންތައްތަކެއް. ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ބަސް ދުއްވާތަން، އެކަހަލަ ރައްޔިތުންނަށް ދައްކާލުމަށްޓަކައި ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކޮށްގެން އެ ދައްކާލަނީ އެކަމަކު ބޮޑެތި ގެއްލުންތަކާއެކު. އެ ކުންފުނިތަކަށް ކުރަން އެނގޭ ކަމެއް ނޫން، އެ ކުންފުނި އެކަހަލަ ކަންތައްތަކަށް ތައްޔާރުވެފައެއްނޫން ހުންނަނީކީ. އެހެންނަމަވެސް އޭގެ ސަބަބުން މި ދިމާވާ މައްސަލައަކީ ރަނގަޅަށް ހިނގަ ހިނގާ ހުންނަ ކުންފުނިތަކެއްގެ މާލީ ހާލަތަށް ބޮޑެތި ގޮޮންޖެހުންތަކެއް މި އަންނަނީ. އަދި ހަމަ އެބޭފުޅުންގެ އެހެން ރިސޯސަސްތައް ބޭނުންކުރުމުން ވެސް އުނދަގޫތަކެއް ވާނެތާ އެބޭފުޅުން ނުދަންނަ އާ ކަމެއް ވީމަ،" ފައްޔާޒް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަކީ ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ މުއައްޒަފުންނަށް ހާއްސަކޮށްގެން، އެ ތަންތަނުގެ މުއައްޒަފުން ދިރިއުޅެން ހަދަން ނިންމި ފްލެޓްތަކެކެވެ. އަދި އޭރުގެ ސަރުކާރާ އެކު އެއްބަސްވެވުނީ 14 ބުރިއަށް ހަދަން ނިންމާފައިވާ ފްލެޓްތަކުން، އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުން ބައެއް އެޕާޓްމަންޓްތައް ސަރުކާރަށް ދިނުމަށެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް އަޅަން ނިންމާފައިވާ ކުންފުނިތަކާއި އިދާރާތަކަކުގެ ތެރޭގައި އެމްޕީއެލް، އެމްއޭސީއެލް، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން، ކަސްޓަމްސް، ފެނަކަ، އެޗްޑީސީ، އިމިގްރޭޝަން، އެސްޓީއޯ، އެމްޓީސީސީ، އައިޔޫއެމް އަދި ގައުމީ ޔުނިވާސިޓީ ހިމެނެއެވެ.