މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ސުވާލު ކުރުމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރިއިރު އެކޮމެޓީގައި އެމްއެމްޕީއާރުސީގެ ރިޕޯޓުގެ މަސްލަހަތު ހިމެނޭ މެމްބަރުން ބައިވެރިވެ ވަޑައިގެންފިއެވެ.
ބުދަ ދުވަހު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ނަން ފާހަގަކޮށްފައިވާ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން މާލިއްޔަތު ކޮމެ ޓީގައި ހިމެނިވަޑައިގަންނަވާ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ވަނީ އެސްއޯއެފްގެ އެކައުންޓުން 424،255 ޑޮލަރު (6،542،012 ރުފިޔާ) ޖަމާވެފައެވެ. ރިޔާޒް ވިދާޅުވެފައި ވަނީ އެއީ ޑޮލަރާއި ވިޔަފާރީގެ މުއާމަލާތްތަކެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ފައިސާ ނަންގަވާފައި ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމްގެ ހިއްސާ އޮންނަ ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑަށް 1،519،000 ޑޮލަރު ދޫކޮށްފައިވާ ކަމަށް ތަހުގީގު ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ކުރީގެ އަނބިކަނބަލުން ސާދާ އިބްރާހީމަށް 100،000 ޑޮލަރު (1،542،000 ރުފިޔާ) އެސްއޯއެފް އިން ދޫކޮށްފައިވާ ކަން ހާމަވެއެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު އިނާން ހުސެއިނަށް 150،000 ޑޮލަރު (2،313،000 ރުފިޔާ) އެސްއޯއެފުން ވަނީ ދޫކޮށްފައެވެ.
މިއަދުގެ ކޮމިޓީގައި އެ ބޭފުޅުން ގެންދަވަނީ އޭސީސީގެ މެންބަރުންނާ ސުވާލު ވެސް ކުރައްވަމުންނެވެ.
މާލިއްޔަތު ކޮމިޓީގެ ބައެއް މެންބަރުން ވަނީ އޭސީސީން އެ މައްސަލް ބެލުން ލަސްވުމާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި އިރު އެކޯޕަރޭޝަނަށް ލިބުނު ފައިސާގެ ތެރެއިން ބޮޑު ބައެއް ޖަމާކޮށްފައި ވަނީ އެސްއޯއެފްގެ އެކައުންޓަށެވެ. އެސްއޯއެފްގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށްފައިވާ ޗެކްތައް އެންޑޯޒްކޮށްގެން ވަނީ ޖަމާކޮށްފައެވެ. އެސްއޯއެފްގެ އެކައުންޓަށް 59.5 މިލިއަން ޑޮލަރު (916.64 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ. މީގެ އިތުރަށް އެހެނިހެން އެކައުންޓްތަކަށް 5.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓުން (85.581 މިލިއަން ރުފިޔާ) ވަނީ ޖަމާކޮށްފައެވެ.
މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރުންނާއި، ޖޭޕީގެ ހަތަރު މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެވެ.