ފުލުހުންގެ ވަޒީފާ އަނބުރާ ދިން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ އަހުމަދަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ)ގެ މަގާމު ދީފިއެވެ.
އެނގިފައިވާ ގޮތުގަައި އެ ދެ ބޭފުޅުންނަށް އެސީޕީގެ މަގާމު ދީފައި ވަނީ އަންގާރަ ދުވަހު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ) އެވެ.
ރިޔާޒު ވަނީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައެވެ. އޭނާ 2017 ވަނަ އަހަރު ވަކިކޮށްފައި ވަނީ ސުލޫކީ މައްސަލައެއްގައި ކަމަށް ބުނެއެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރިޔާޒްއާ އެއްކޮޅަށް ސިވިލް ކޯޓުން މި މައްސަލަ ނިންމާފައި ވަނީ، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާ ކަމަށާއި، ހެކި ވަޒަންކޮށް ފިޔަވަޅު އެޅުމުގައި ބަލަންވާ މިންވަރަށް ބެލިފައި ނުވާ ކަމަށް ފުލުހުން އެއްބަސްވުމުންނެވެ.
އަބްދުﷲ އަހުމަދަށް އޭސީޕީގެ މަގާމު ދެއްވިއިރު އޭނާ ހުންނެވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައެވެ.