ރާއްޖެއާ އިންޑިއާ އަށް ފައިދާ ހުރި ކަންތައްތައް ހާސިލްކުރުމަށްޓަކައި މި ސަރުކާރާއި ދިވެހި ރައްޔިތުންނާ އެކު ގާތުން މަސައްކަތް ކުރައްވާނެ ކަމަށް، އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީގައި ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް މިހާރު އައިސްފައިވާ ކުރިއެރުން ދަމަހައްޓައި އިތުރަށް ތަރައްގީ ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
The new Ambassador of India to the Maldives H.E. Mr Sunjay Sudhir calls on the Foreign Minister H.E. Mr Abdulla Shahid today. Discussed ways in which the renewed dynamism in the Maldives-India relationship can be sustained and strengthened.
— MFA Maldives (@MDVForeign) March 5, 2019
Press Releasehttps://t.co/jsmyChdOHS pic.twitter.com/jcMGBmNFN8
މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އެކު އޮތް ގުޅުމުގެ ތެރެއިން ހާސިލްވެފައިވާ މުހިންމު ކަންތައްތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާތަކެއް ކޮށްފައެވެ.
ރައީސް ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން ކުރިއަށް ގެންދާނެ ފްރޭމްވާރކްއަކަށް އެއްބަސްވެފައިވާ ކަން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ ސަފީރު ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވާފައިވާއިރު ސަފީރުކަމުގެ ފަތްކޮޅު، ރައީސް ސޯލިހު އަށް އަރުއްވާފައިވަނީ އަންގާރަ ދުވަހުއެވެ.
ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސުދީރް އަދާކޮށްފައި ވަނީ، އޮއިލް އިންޑިއާ ލިމިޓެޑްގެ ބޯޑު ޑައިރެކްޓަރުގެ މަގާމެވެ. ސުދީރް ވަނީ މީގެ ކުރިން މިސްރާއި ސްރީލަންކާގެ އިތުރުން ސީރިއާގައި ހުންނަ އިންޑިއާގެ އެމްބަސީގައި ވަޒީފާ އަދާކުރައްވާފައެވެ.