އާއިލީ މެމްބަރުންގެ ތެރެއިން ފްލެޓް ލިބުނީ އެންމެ 12 މީހުންނަށް ނޫން ކަމަށާއި އާއިލީ ގުޅުން އޮންނަ 37 ފަރާތަކަށް ފްލެޓް ލިބުނު ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް އާންމު ކުރުމާއެކު އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއް ބޭފުޅަކީ ޚަލީލެވެ. ޚަލީލްގެ އާއިލާގެ 12 މީޙަކަށް ފްލެޓް ލިބިފައިވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒު ވިއެވެ.
އެކަމާ ގުޅިގެން ޚަލީލު ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ އާއިލީ ބޭފުޅުންނަށް ފްލެޓު ލިބިފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަލަތު ކައިވެނި ކޮށްގެންނާއި ސިފައިންގެ މީހުން ފަދަ ކެޓެގަރީތަކުން ޕޮއިންޓް ލިބިގެން ކަމަށާއި އެއީ އެއްވެސް ހާލަތެއްގައި އޭނާގެ ނުފޫޒަކުން ހޯދާދީފައިވާ ފްލެޓުތަކެއް ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިތުނަ އުފައްދަން މަސައްކަތް ނުކުރުމަށް ގޮވާލެއްވިއެވެ. އަދި އެ ވާހަކަ ދައްކަނީ އަގު ވައްޓާލަން ކަމަށް ވެސް ޑރ. ޚަލީލް ވިދާޅުވިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ދުވަސްތަކެއް ވަންދެން ފުރުއްވި ޑރ. ޚަލީލްގެ އާއިލާގެ ބޭފުޅުންނަށް ފްލެޓު ލިބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވީތީ ނޫން ކަމަށާއި މަޖިލީހުގެ މެންބަރަކަށް ވުމަކީ އާއިލާ މީހުންގެ ތެރެއިން ފްލެޓު ހައްގު ފަރާތްތަކަށް ފްލެޓު މަހްރޫމް ވާން ޖެހޭ ސަބަބެއް ކަމުގައި ނުދެކޭ ކަމަށް ވެސް ބަޔާނުގައި ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިއުލާން ކުރެއްވި ބޯހިޔާވަހިކަމުގައި އެ އާއިލާގެ މީހުން ކުރިމަތިލި ނަމަވެސް ފުރުސަތު ލިބުނީ އޭނާގެ ޅިޔަނަށް އެކަނި ކަމަށާއި އޭރުއްސުރެ އޭނާގެ އާއިލާގެ އެއްވެސް ފަރާތަކަށް ލިބިފައިވާ ފްލެޓެއް ވެސް އަދި ގޯއްޗެއް ވެސް މާލޭ ސަރަހައްދުގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލާ މީހުންނަށް ލިބިފައި ވަނީ ކަނޑައެޅިފައިވާ އުސޫލުން ހައްގު ގޮތުގައި ކަމަށް ވިދާޅުވިއެވެ.
ޑރ. ޚަލީލުގެ އާއިލީ މީހުންނަށް ލިބިފައިވާ ފްލެޓްތައް ދީފައިވާ ޕޮއިންޓަށް ބަލާއިރު ބައެއް މީހުންނަށް 70 ޕޮއިންޓް ވެސް ލިބިފައެއް ނުވެއެވެ. ފްލެޓުތަކަށް ޕޮއިންޓް ދިން އިރު 90 އިން މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް ވެސް ފްލެޓް ނުލިބޭކަން ފާހަގަކޮށްލެވެއެވެ.
ރައީސް އޮފީހުން އާންމުކުރި ލިސްޓުން އެނގޭ ގޮތުގައި ފްލެޓް ލިބިފައިވާ ޚަލީލްގެ އާއިލީ މީހުންގެ ތެރޭގައި އޭނާގެ އަނބިކަނބަލުންނާއި އެއްބަނޑު އެއްބަފާ ހަތަރު މީހުން ހިމެނެއެވެ. އަދި އޭނާގެ ދެ ޅިޔަނަކަށް ވެސް ފްލެޓް ލިބިފައިވާކަން ހާމަވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް ލިބުނު ޚަލީލުގެ އާއިލާގެ މީހުންގެ ތެރޭގައި ބައެއް މީހުން ދިރިއުޅެނީ ނިސްބަތްވާ ރަށް، ފ. ނިލަންދޫގައެވެ. ފުލުހުންގެ ކެޓަގަރީ އިން ޚަލީލުގެ ކޮއްކޮއަކަށް ފްލެޓް ލިބިފައިވާ ކަމަށް ޚަލީލު ވިދާޅުވިއިރު އޭނާގެ ކޮއްކޮގެ އަންހެނުންނަށް ވެސް ވަނީ ފްލެޓް ލިބިފައި ކަމަށް މައުލޫމާތު ލިބެއެވެ.
ޚަލީލުގެ އާއިލާއިން ފްލެޓް ލިބިފައިވާ ބައެއް މީހުން:
- ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން C2 ކެޓަގަރީން ޙުސެއިން ޢަލީ / ފެހިވިނަ ފ. ނިލަންދޫ ( ފޯމް ނަންބަރު 00678 C) ( ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަގީލާ މޫސާގެ ފިރިމީހާ)
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ވަސީލާ މުސާ / ބަގީޗާގެ ފ. ނިލަންދޫ (07922/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޙުސެއިން ނާސިހު / ހ. ކީލަ (00786/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ވަސީލާ މޫސާގެ ފިރިމީހާ)
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން މަރިޔަމް ވަޙީދާ / ކެނެރީގެއާގެ ފ. ނިލަންދޫ (08290/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ނަސްރުﷲ ޖަލީލްގެ އަންހެނުން)
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން އަލީ އަހްމަދު / ޖަނަވަރީމާގެ ފ. ނިލަންދޫ (02418/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒީލާ މޫސާގެ ފިރިމީހާ)
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޝަޒީލާ މުސާ / ބަގީޗާގެ ފ. ނިލަންދޫ (02420/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ފަރީދާ ޢަބްދުލްޢަޒީޒް / ފޮނިލުނބޯގެ ފ. ނިލަންދޫ (08289/H) ޚަލީލްގެ އަންހެނުން
- ހިޔާ މަޝްރޫޢުގެ ދަށުން H7 ކެޓަގަރީން ޝަމްސުﷲ ފަޒީލް / ބަގީޗާގެ ފ. ނިލަންދޫ (08871/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ކޮއްކޮ
- ހިޔާ މަޝްރޫޢުގެ ދަށުން H4 ކެޓަގަރީން ފަޟީލާ މޫސާ / ބަގީޗާގެ ފ. ނިލަންދޫ (00282/H) ޚަލީލްގެ އެއްބަނޑު އެއްބަފާ ދައްތަ
- އަލަތު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ 1 ކޮޓަރީގެ H1 ކެޓަގަރީން އިޒްޔަން އަބްދުލްޙަމީދު / ރާހި ފ. ނިލަންދޫ (00989/H) ޚަލީލްގެ ދެބެންގެ ދެދަރި ކޮއްކޮ