ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖަމިއްޔާތަކުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ބަލައިގަނެ, އެ ދެ ބިލް ދިރާސާ ކުރުމަށް އިޖުތިމާއީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު ހުށަހެޅުއްވި އެ ދެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ދެ ބިލަކަށް ވަކި ވަކިން ވޯޓަށް އެހުމުން، ޖަމިއްޔާތަކުގެ ބިލު މަޖިލީހަށް ބަލައިގަތީ 57 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ. ނަމަވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު މަޖިލީހުގެ ތަޅުމުގައި އިންނެވިއެވެ.
ކުޑަކުދިންގެ އަދުލުގެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ އިއްތިފާގުންނެވެ.
ކުޑަކުދިންގެ އަދުލުގެ ބިލަކީ ޖިނާއީ ތުހުމަތު ކުރެވޭ ކުދިންނާއި ދައުވާ އުފުލައި، ހުކުމް ތަންފީޒު ކުރަންޖެހޭ ކުޑަކުދިންނަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް ބަޔާން ކުރާ ބިލެކެވެ. އަދި ތުހުމަތެއް ކުރެވޭ ހިސާބުން ފެށިގެންނާއި ހައްޔަރުކޮށް ބަންދުކުރާއިރު ކުޑަކުއްޖަކާމެދު އަމަލު ކުރަންޖެހޭ އިޖުރާއަތުތައް ކުޑަކުދިންގެ އަދުލުގެ ބިލުގައި ހިމަނާފައިވެއެވެ.
އަށްޓިހަ ތިން މާއްދާއެއްގެ މައްޗަށް އެކުލެވޭ ޖަމިއްޔާތުގެ ބިލުގެ މަގުސަދަކީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ގާއިމުކޮށް، ޖަމިއްޔާތަކުން މުޖުތަމައުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ މަގެއް ގާނޫނޫނުގެ ތެރެއިން ފަހިކޮށްދިނުމެވެ.