އިޓާލިއަން ލީގުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ޔުވަންޓަސްއިން ކާމިޔާބުކޮށްފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނަޕޯލީއާ ވާދަކޮށް ޔުވެންޓަސްއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ ނަޕޯލީގެ އެލެކްސް މެރެޓްއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ ބާކީ ބައި ނަޕޯލީ ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
މެޗުހެ ފުރަތަމަ ހާފް ފެށިގެން ރަނގަޅު ކުޅުމެއް ދެއްކަމުންއައީ ޔުވެންޓަސްއެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިރަލެމް ޖެނިކްއެވެ. މި ލަނޑަށްފަހު މެޗުގެ 34 ވަނަ މިނެޓުގައި ކުރި ފައުލަކާއި ގުޅިގެން ޖެނިކްއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ދެ ވަނަ ލަނޑު ކާމިޔާބުކޮށް ޔުވެންޓަސްއަށް ލީޑް ފުޅާ ކޮށްދިނީ އެމްރޭ ކޭންއެވެ. މި ލަންޑު ކޭން ކާމިޔާބުކުރީ ފެޑްރިކޯ ބަރނާރޑްސްޗީ އެހީތެރިކަމާއެކުއެވެ.
ޔުވެންޓަސްގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިން މިރަލެމް ޖެނިކްއަށް، މެޗުގެ 47 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފައެވެ. އެގޮތުން ދެވަނަ ހާފް ދެ ޓީމުވެސް ކުޅެމުންދިޔައީ 10 ކުޅުންތެރިންނާއެކުއެވެ.
ދެވަނަ ހާފް ފެށިގެން ނަޕޯލީން ވަނީ ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައެވެ ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ނަޕޯލީން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިސްނޭގެ އެހީތެރިކަމާއެކު ޖޯސް ކަލެޖޮންއެވެ.
މި ލަނޑަށް ފަހުގައިވެސް ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.