ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 01:48
އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީ
އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީ
ގޫގުލް
އީޝާ ޑިއޯލް
އީޝާ ޑިއޯލް ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
ފުރަތަމަ ދަރިފުޅު ލިބިފައިވަނީ އޮކްޓޯބަރ 2017 ގައި

ބޮލީވުޑްގެ ތަރި އީޝާ ޑިއޯލް އާއި އޭނާގެ ފިރިމިހާ ބާރަތު ތަހްތާނީއަށް ދެވަނަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.

ދެވަނަ ދަރިއަކު ލިބޭކަން އިއުލާންކޮށްފައި ވަނީ އެ ދެމަފިރިންގެ އަންހެން ދަރިފުޅު ރާދްޔާގެ ފޮޓޯއަކާއި އެކުއެވެ.

އެ ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އީޝާއާއި ބާރަތަށް އިތުރު ދަރިއެއް ލިބެން އުޅޭތީ އާއިލާ ތިބީ ވަރަށް އުފަލުން ކަމަށެވެ.

އީޝާ ޑިއޯލްއަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ އޮކްޓޯބަރ 2017 ގައެވެ. އެދެމީހުންނަށް ފުރަތަމަ ކުއްޖަކު ލިބުނީ ކައިވެނީގެ 5 އަހަރު ފަހުންނެވެ.

އީޝާ ޑިއޯލް އަކީ ފިލްމީ ތަރި ދަރުމެންދުރާ ސިންގ ޑިއޯލް އަދި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅެވެ. އަދި ފިލްމީ ތަރި ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލްގެ އެއްބަފާ ކޮއްކޮވެސްމެއެވެ.

ފިލްމް ކުޅުމުގެ އިތުރުން އީޝާ ޑިއޯލް އަކީ އޭނާގެ މަންމަ ހެމާ މާލިނީ ފަދައިން ކްލެސިކް ޑާންސް ދަސްކޮށްފައިވާ ނެށުންތެރިއެކެވެ. މީގެ އިތުރުން އީޝާ ޑިއޯލްއަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި އަންހެނުންގެ ފުޓްބޯޅަ ކުޅޭ ފުޓްބޯޅަ ކުޅުންތެރިއެއްވެސްމެއެވެ.

އީޝާ ޑިއޯލް އިންޑިއާގެ ފިލްމީ ދާއިރާއަށް ނިކުތީ 2002 ވަނަ އަހަރު ރިލީޒްކުރި 'ކޮއި މޭރޭ ދިލްސޭ ޕޫޗޭ' އިންނެވެ. މިހާތަނަށް ވިއްސަށްވުރެ ގިނަ ފިލްމުގެ މައި ރޯލް ތަކުން އީޝާ ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ ފިލްމްގައި އީޝާ އެކު ހަރަކާތްތެރި ވެފައިވަނީ އަނިލް ކަޕޫރުގެ ކޮއްކޮ ސަންޖޭ ކަޕޫރު އަދި އާފްތާބް ސިވްދަސާނީއެވެ.

އީޝާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިޓްވި ފިލްމަކީ 2004 ވަނަ އަހަރު ނިކުތް ދޫމްއެވެ. އޭގެ ފަހުން ނިކުތް ކާލްއަކީވެސް ހިޓްވި ފިލްމެކެވެ.

އީޝާގެ ފިލްމް ތަކުގެ ތެރެއިން އެންމެ ފަހުން ނިކުމެފައިވާ ފިލްމަކީ 2008 ވަނަ އަހަރު ކުރީކޮޅު ނިކުމެފައިވާ ސަންޑޭ އަދި ވަން ޓޫ ތްރީ އެވެ.

- ކޮމެންޓް