މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފިއެވެ.
ގދ. ތިނަދޫގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ހޯމަ ދުވަހު ރޭ ހިންގި އޮޕަރޭޝަންގައި ތިނަދޫ ބަނދަރުގައި އޮތް ދޯންޏަކުން ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނެކެވެ. ތިނަދޫ ޕޮލިސް ސްޓޭޝަނާ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، އެ މީހާއަށް ފުލުހުން ފެނުމާ އެކު ދުވެފައި ގޮސް ދޯންޏަށް އަރާ އަތުގައި ހުރި އެއްޗެހި ދޯނީގެ ދިރުނބާކޮޅަށް ވަނީ އުކާލައިފައެވެ. އޭނާ އުކާލިތަކެތި ފުލުހުން ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.
މީގެ އިތުރުން ދ. ކުޑަހުވަދޫ އިން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ކުޑަހުވަދޫގައި މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކުޑަހުވަދޫ މަގުމަތިންނެވެ. އެ މީހާ ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް 15 ދުވަސް ވަނީ ޖަހާފައެވެ.
ތިނަދޫ އާއި ކުޑަހުވަދޫއިން މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ ސިޓީން ވެސް ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރު ކުރީ ފޭދޫއިންނެވެ. އަނެކަކު ހައްޔަރު ކުރީ މަރަދޫއިންނެވެ.