ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލްގެ މެންބަރުންނާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާވާފައިވާ މަސައްކަތްތަކާއި ރަށުގެ އިޤްތިޞާދީ ނަފާ އިތުރުކުރުމަށް ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، މި އަހަރުގެ އޮގަސްޓު 26 އިން 28 އަށް ބްރެޑްފޯރޑް ޔުނިވަރސިޓީގެ ފަރާތުން އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް ކޮންފަރަންސް ބޭއްވުމަށްޓަކައި ރަށުގައި ވަމުންދާ ތައްޔާރީތަކާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަހުގެ ތަރައްޤީގައި އެރަށު ކައުންސިލުން ވަމުންދާ ހިއްސާ ފާހަގަ ކުރައްވައި، ރަށް ކުރިއެރުވުމުގައި މިހާރަށް ވުރެ ވެސް ބޮޑަށް އިސްނަގައިގެން މަސައްކަތް ކުރެއްވުމަށް އުކުޅަހު ކައުންސިލަށް ހިތްވަރު ދެއްވިއެވެ.