ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 10:53
އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: އާސެނަލް މޮޅުވިއިރު، ލިވަޕޫލް އާއި ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރު
ސައުތުހެމްޕްޓަންގެ މައްޗަށް އާސެނަލް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

ޕްރިމިއާ ލީގުގައި އާސެނަލް މޮޅުވިއިރު، ލިވަޕޫލް އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ސައުތުހެމްޕްޓަންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ހެންރިކް މިހްތަރިޔާންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެލެގްޒެންޑްރާ ލަކަޒޭޓްއެވެ.

މި ލަނޑަށްފަހު ވެސް އާސެނަލްއިން ވަނީ ސައުތުހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ލީޑު ފުޅާކުރަން ވެސް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

އާސެނަލްއިން ލީޑު ފުޅާކުރީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކުރީ މިހްތަރިޔާންއެވެ. މި ލަނޑާއެކު ސައުތުހެމްޕްޓަންއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް، ނަތީޖާގެ ފަރަގު ކުޑަކުރަން މަސައްކަތް ކުރިއެވެ.

އެގޮތުން ދެވަނަ ހާފްގައި ސައުތުހެމްޕްޓަނުން ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް މަދުން ނަމަވެސް ހޯދާފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 27 މެޗުން ލިބުނު 53 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. މެޗުން ބަލިވި ސައުތުހެމްޕްޓަން އޮތީ ކުޅުނު 27 މެޗުން ލިބުނު 24 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 18 ވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލް އާއި ޔުނައިޓެޑު ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލްއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުގެ އެންޑްރޭ ހެރޭ އާއި ހުއާން މަޓާއަށް އަނިޔާވެގެން ބަދަލުކުރިއިރު، ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯއަށް ވެސް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ފުރަތަމަ ހާފްގައި ލީޑު ނެގުމަށް އެންމެ ހުސް ފުރުސަތުތައް ލިބިފައިވަނީ ޔުނައިޓެޑަށެވެ. އެގޮތުން ޖެސޭ ލިންގާޑް އާއި ރޮމެލޫ ލުކާކޫއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައި ލިވަޕޫލުން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ލީޑު ނަގަން އެޓީމަށް ރަނގަޅު ފުރުސަތުތައް ލިބިފައިވެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 27 މެޗުން ލިބުނު 66 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޔުނައިޓެޑު އޮތީ ކުޅުނު 27 މެޗުން ލިބުނު 52 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް