ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 10:47
ސައިކްލޯން ބީސީ
ސައިކްލޯން ބީސީ
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ފައިނަލުގެ ދެވަނަ ޖާގަ ސައިކްލޯންއަށް
ސައިކްލޯން ބީސީ 53، ބެންޗް އެސްސީ 32
ފައިނަލުގައި ސައިކްލޯން ވާދަ ކުރަން ޖެހޭނީ ޔޫއެން ފްރެންޑްސްއާ

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ދެވަނަ ޖާގަ ސައިކްލޯން ބީސީ ކަށަވަރު ކޮށްފިއެވެ.

ސައިކްލޯން ބީސީ ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ބެންޗް އެސްސީއާއި ވާދަކޮށް 53 ޕޮއިންޓް، 32 ޕޮއިންޓުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ސައިކްލޯން ބީސީންނެވެ.

ސެމީ ފައިނަލުގައި އާދިއްތަ ދުވަހު ކުޅުމު މި މެޗުގެ ފުރަތަމަ ކުއާޓާގައި 17 ޕޮއިންޓް ކާމިޔާބުކޮށް ސައިކްލޯންއިން ވަނީ ބޮޑު ލީޑެއް ހޯދާފައެވެ. މި ކުއާޓާގައި ބެންޗް އެސްސީއަށް ކާމިޔާބު ކުރެވުނީ ހަތަރު ޕޮއިންޓެވެ.

ގައުމީ ބާސްކެޓް މުބާރާތުގެ ޗެމްޕިއަން ސައިކްލޯންގެ ފަރާތުން މި މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ފެނިގެންދާއިރު އާދިއްތަ ދުވަހުގެ މެޗުގެ ދެވަނަ ކުއާޓާގައި ވެސް ސައިކްލޯން ވަނީ 11 ޕޮއިންޓް ކާމިޔާބުކޮށް ލީޑް ފުޅާކޮށްފައެވެ. މެޗު ފެށިގެން ދަށް ކުޅުމެއް ދައްކަމުން ދިޔަ ބެންޗްއަށް ކާމިޔާބު ކުރެވުނީ ހަ ޕޮއިންޓެވެ.

މެޗުގެ ތިން ވަނަ ކުއާޓާގައި ސައިކްލޯން 11 ޕޮއިންޓް ކާމިޔާބު ކުރި އިރު ބެންޗްއަށް ކާމިޔާބު ކުރެވުނީ ހަތް ޕޮއިންޓެވެ.

ފަހު ކުއާޓާގައި ސައިކްލޯންގެ ޑިފެންސަށް ހެދުނު ގޯސްތަކުގެ ބޭނުންހިފައި، ބެންޗް ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން މި ހަތަރުވަނަ ކުއާޓާގައި ސައިކްލޯންއާއި ދާއި އެއްވަރެއްގެ ކުޅުމެއް ބެންޗްގެ ފަރާތުން ވެސް ފެނިގެން ދިޔައެވެ.

މި ކުއާޓާގައި ސައިކްލޯން ބީސީއަށް ކާމިޔާބު ކުރެވުނީ 14 ޕޮއިންޓެވެ. ބެންޗް އެސްސީއަށް ކާމިޔާބު ކުރެވުނީ 15 ޕޮއިންޓެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ސައިކްލޯން ބީސީ 53، ބެންޗް އެސްސީ 32 ކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސައިކްލޯން ބީސީގެ ނަޝްފާ އާމިރާއެވެ.

ނައްފައަކީ ސައިކްލޯން ޓީމުގެ އެންމެ ތަޖުރިބާކާރު އަދި އެންމެ ސީނިއާ ކުޅުންތެރިއާއެވެ.

މި ނަތީޖާއާއި އެކޮށް އެމްބީއޭ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސައިކްލޯން ވާދަ ކުރަން ޖެހޭނީ ޔޫއެން ފްރެންޑްސްއާއެވެ.

ސައިކްލޯން އާއި ޔޫއެން މުބާރާތް ފެށުމުގެ ގޮތުން ވާދަކުރި މެޗުގައި، ޔޫއެން ފްރެންޑްސްވަނީ ސައިކްލޯން މޮޅުވަމުންއައި އައުމަށް ނިމުންގެނެސް ސައިކްލޯންގެ މައްޗަށް ކުރި ހޯދާފައެވެ.

ޔޫއެން ފްރެންޑްސް ފައިނަލަށް ދިޔައީ ސެމީގައި ޓީރެކްސް ސްޕޯރޓްސް އެކަޑަމީ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މި މަހުގެ 27 ވާ ބުދަ ދުވަހު ސޯޝަލް އިންޑޯގައި އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް