ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުންނަށް ޚާއްސަކޮށްގެން ޚިޔާލު ހޯދުމަށް ބާއްވާ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހާސިންތާއަކީ ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށް ވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށް ގެންނަޖެހޭ ބަދަލުތަކާ މެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މަހާސިންތާއެއް ކަމަށެވެ. މަހާސިންތާގައި ޕްރޮސިކިިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި ސްޕްރީމް ކޯޓުގެ އިތުރުން ހައިކޯޓާއި ކްރިމިލަން ކޯޓުން ބައިވެރިވެފައި ވެއެވެ. އަދި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުންނާއި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. އިސްކަންދަރު ބިލްޑިންގގައި އާދިއްތަ ދުވަހު މަހާސިންތާ ފައްޓަވައިދެއްވީ އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
މީގެ އިތުރުން ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން އިތުރު މަހާސިންތާތަކެއް ބާއްވާފައިވާކަމަށާއި އެގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ޖަނަވަރީ މަހު ބާއްވާފައިވާއިރު ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޚާއްސަކޮށްގެން ވެސް ޖެނުއަރީ މަހު މަހާސިންތާއެއް ބާއްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.