އިމިގްރޭޝަންގެ އިސް ދެބޭފުން ސަސްޕެންޑް ކޮށްފައިވަނީ އެތަނުގެ ތަހުގީގެއް ފެށި ހިސާބުން ކަމަށް ސިވިލް ސާވިސް ކަމިޝަން(ސީއެސްސީ)އިން ބުނެފިއެވެ.
އެތަހުގީގުގައި ސަސްޕެންޑް ކޮށްފައިވަނީ އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އާއި އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު އެވެ.
ސީއެސްސީގެ ޑިރެކްޓަ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ އެ ކަމިޝަނުން އިމިގްރޭޝަންގެ ތަހުގީގު ފެށީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ސަސްޕެންޑް ކުރާނީ ތަހުގީގަށް ނުފޫޒު ފޯރުވާނެ ކަމަށް ބެލެވޭނެ ހާލަތެއް އަންނަ ހިސާބުން ކަމަށް ވިދާޅުވިއެވެ.
" މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، އެއީ އަޅުގަނޑުމެން އިމިގްރޭޝަންގެ ތަހުގީގު ފެށުމާއި އެކު ސަސްޕެންޑް ކުރީ." ސައީދު ވިދާޅުވިއެވެ.
ހާމިދާއި އަބްދުﷲ ވަހީދު ސަސްޕެންޑް ކޮށްފައި ވަނީ ތަހުގީގު ނިމެންދެން މުސާރަ ހިނގާ ގޮތަށެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އިމިގްރޭޝަންގެ ތަހުގީގެއް ކުރަމުން ދަނީ އެ ޑިޕާޓްމަންޓުގެ އެދުމުގެ މަތިން ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ޑޮކިއުމެންޓްތަކާއި ލިޔުންތައް ސީއެސްސީއަށް ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލަރ ކަމާއި ހަވާލުވެވަޑައިގެން މީޑިއާއަށް ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހަނަފީ ވިދާޅުވީ މިދިޔަ ސަރުކާރުގައ ކަންކަން ކުރެވިފައި ހުރީ އެންމެ އެކަށީގެންވާ އުސޫލުގެ ތެރެއިން ނޫން ކަމަށާއި އުސޫލެއް އޮތް ކަމުގައި ވިޔަސް އުސޫލަށް ބެލުމެއް ނެތި ކަންކަން ހިނގާފައިވާ ކަމަށެވެ. އިމިގްރޭޝަނަށް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުން ފިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.