ލ. ފޮނަދޫއިން ފުރައިގެން މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އަންހެން މިހާ ހޯދުމުގައި ޑައިވިން ރޮބަޓް ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްއިން ބުނީ ޑައިވިން ރޮބަޓް ބޭނުންކުރުމުގެ އިތުރުން، އޭނާ ހޯދުމަށް ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޑައިވައިން ރޮބޮޓަކީ ކަނޑުމަތީގައި މީހުން ގެއްލުމުގެ ހާދިސާތަކުގައި،ގެއްލޭ މީހާ ހޯދުމަށް ކަނޑުގެ އަޑި ބެލުމަށް ބޭނުން ކުރާ ވަސީލަތަކެވެ. ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި މި ވަސީލަތް ބޭނުންކޮށް އުޅެއެވެ.
ޑިންގީ ބަންޑުން ޖަހާލައިގެން ހޯދަމުންދަނީ ލ.ފޮނަދޫ 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުއެވެ.
ޑިންގީ ބަންޑުން ޖަހާލި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރުދުވަހުގެ 21:30 ހާއިރު އެވެ.
ލ.މާމެންދޫ ކައުންސިލްގެ ނައިބް ރައީސް ހުސެއިން ހަބީބު ވިދާޅުވީ ޑިންގީ ދުއްވަން އިނީ ލ. ގަން ފިރިހެން ކުއްޖެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލުމުން، އޭގެ މައްޗަށް އަންހެން ކުއްޖާ އެރުވުމަށް ފަހު، ފިރިހެން ކުއްޖާ ފަތާފައި ސިކްސް ސެންސަސް ލާމް ރިސޯޓަށް އަރައި އެކަން ރިސޯޓުގައި ތިބި މީހުންނަށް އެންގީ ކަމަށެވެ.ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލް އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.