ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އައިޝަތު އާޒިމާ ޝަކޫރުގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވީ އާޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ތެދެއް ނޫން ކަމަށެވެ.
ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީސް އިންތިޚާބާ ދިމާކޮށް އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް ސަރުކާރުން ދަނީ ފިއްތުންތައް ކުރިމަތިކުރަމުން ކަމަށެވެ. އެގޮތުން އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ ޕީޕީއެމްގެ ނައިބު ރައީސާ އާޒިމާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި. އަދި އޭގެ އިތުރުން ޕީޕީއެމާއި ޕީއެންސީގެ އިސް އެތައް ބޭފުޅެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއް ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ވެސް އެބަ ލިބޭ." އަބްދުރަހީމް ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާޒިމާ މިވަގުތު ރާއްޖޭގައި ނޫޅުއްވައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް މަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އާޒިމާއަށް އުފުލާފައިވާއިރު މައްސަލައަށް ޖަވާބުދާރީ ވުމަށް ތައްޔާރުވާން ކޯޓުން ދައުވާއާ ގުޅޭ ލިޔުންތައް މިހާރު ވަނީ ހަވާލު ކޮށްފައެވެ.
އެ ތަހުގީގަށް އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
ރައީސް ޔާމިންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ފުލުހުން އެދުނީ އާޒިމާގެ މައްޗަށް ވެސް ދައުވާކޮށްދޭން އެދުނު ދުވަހުއެވެ. ޔާމިންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއާ ގުޅިގެން އެމަނިކުފާނު ހުންނެވީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.