އެއްޗެއް އުނގެނުމަށް ފަހު އެއެއްޗެއް ހަޔާތުގެ އަމަލީ މައިދާނުގައި ބޭނުންކުރަން ނޭންގުމަކީ އެ އުނގެނޭ މީހަކަށް ކުރިމަތިވާނެ ހިތާމަވެރި މުސީބާތެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޔޫތް ނެޓްވޯކްގެ މިދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ޒުވާނުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ހއ.އަތޮޅުގެ ރަށްތަކުން އަށްޑިހައަށް ވުރެ ގިނަ ޒުވާނުންނާއެކު ހޯރަފުށީގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ އިލްމަކާ ނުލާ އަމަލަކީ ނުވާއެއްޗެއް ކަމަށެވެ. އަދި އެއްވެސްކަމެއް ކުރަން ބޭނުމިއްޔާ އެކަމެއްގެ ޢިލްމް ފުރިހަމައަށް ނުލިބޭނަމަ އެކަމަކުން ދުރުހެލިވުމަށް އެ މަނިކުފާން އިލްތިމާސް ކުރެއްވިއެވެ.
ކޮންމެ ކަމެއް ކުރަން ބޭނުންވާ މީހާވެސް އެންމެ ފުރަތަމަ ކުރަންޖެހޭކަމަކީ އެކަމެއްގެ ޢިލްމް ހޯދުންކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރ ވިދާޅުވީ އަމަލުނުކުރެވޭ އިލްމެއް މީހަކަށް ލިބުމަކީ ދުނިޔޭގައި އެއަށްވުރެ ބޮޑު މޮޔަކަމެއް ނުވާކަމެއް ކަމަށެވެ. އަދި އެއަށް ވުރެ ބޮޑު ބޭކާރުކަމެއް ނުވާނެ ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ޒުވާނުންނަށް ބާރު އެޅުއްވީ ދަސްވި ހުރިހާ އެއްޗެއް ހަޔާތުގެ ހުރިހާ މައިދާނެއްގައި ބޭނުން ކުރުމަށެވެ.
" އަޅުގަނޑުގެ އެދުމަކީ ދަސްވި ހުރިހާ އެއްޗަކީ ހަޔާތުގެ އަމަލީ މައިދާނުގައި އަބަދުވެސް ބޭނުންކުރާނެ އެއްޗަކަށް ހެދުން " މިނިސްޓަރ ވިދާޅުވިއެވެ.
ބަހާއި، ޘަޤާފަތަށް ޒުވާނުން ޝައުޤުވެރިވުމުގެ މުޙިއްމުކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ ޤައުމިއްޔަތުދެކެ ލޯބިވާ ދިވެހި ޒުވާނުންގެ ވަރުގަދަ ޖީލެއް ބިނާކުރުމަކީ މުޙިއްމުކަމެއް ކަމަށެވެ. އަދި އަޅުގަނޑުމެންގެ ދިވެހި ބަހަށް، ޤައުމިއްޔަތަށް، ޘަޤާފަތަށް، ތަރިކަ ރައްކާތެރިކޮށްގެން ތިބެ، މިބަވަނަ ވެފައިވާ ދުނިޔޭގައި ކުރިއަރާދިއުމަށް ޒުވާނުންގެ އެހީތެރިކަމާ އެއްބާރުލުން މިނިސްޓްރީއަށާއި ސަރުކާރަށް އިންތިޚާއަށް ބޭނުންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.