އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތު 2019 ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެޓީވީން ހުޅުވާލައިފިއެވެ.
މިއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުނިފޫހި ފިލުވުމުގެ ފަންނުވެރި މުވައްޒަފުންނަށް އެ މީހުންގެ ހުނަރު ދައްކާލައި، ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ރާއްޖެޓީވީ އިން އުފައްދާ ޓެލެޑްރާމާ މުބާރާތެކެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖެގައި އޮޕަރޭޓް ކޮށް ހިންގާ ރިސޯޓުތަކަށް ކަމަށް ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމު ވިދާޅުވިއެވެ. އެގޮތުން މުބާރާތުގައި ޑްރާމާ ބައިވެރި ކުރެވޭނީ ރިސޯޓެއްގެ ނަމުގައި ކަމަށާއި މި މުބާރާތައް ހުށަހަޅާ ޑްރާމާގެ ދިގުމިނަކީ ކުރުވެގެން 40 މިނެޓު އަދި ދިގުވެގެން 45 މިނެޓެވެ.
މުބާރާތައް ހުށަހަޅާ ޑްރާމާގައި ކެމެރާ ކުރިމަތީގައި ހަރަކާތްތެރި ވާންވާނީ ރިސޯޓުގެ މުވައްޒަފުން ކަމަށްވާއިރު، މި މުބާރާތައް ހުށަހަޅާ ޑްރާމާ އުފައްދާ ރިސޯޓަކުން ބޭނުންވެއްޖެ ނަމަ ބައެއް މަސައްކަތްތަކަށް ރިސޯޓުގެ މުވައްޒަފުން ނޫން ފަރާތްތައް ވެސް ހަޔަރ ކުރެވިދާނެއެވެ.
(ހ) ޑްރާމާގެ ސްކްރީން ޕްލޭ ލިޔުމަށް
(ށ) ޑްރާމާ ޑައިރެކްޓު ކުރުމަށް
(ނ) ޑްރާމާ އެޑިޓް ކުރުމަށް
(ރ) ޑްރާމާ ކެމެރާ ކުރުމަށް
(ބ) ޑްރާމާގެ ބެކް މިއުޒިކް ހެދުމަށް
(ޅ) ޑްރާމާގައި ލަވައެއް ހިމަނޭ ނަމަ އެލަވައެއްގެ މަސައްކަތައް
މުބާރާތުގައި ބައިވެރިކުރާ ޑްރާމާ މޭ މަހުގެ 01 ވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެޓީވީ އަށް ހުށަހަޅަންޖެހެއެވެ.
މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ޖަޖު ކުރާނީ މި ކަމަށް ކަނޑައަޅާ ތިން ޖަޖުންގެ ޕެނަލަކުންނެވެ.
މުބާރާތުގެ ވަނަތަކަށް އިނާމުދިނުން އޮންނާނީ މުބާރާތުގައި ބައިވެރި ކުރާ ހުރިހާ ޑްރާމާތަކެއް ރާއްޖެޓީވީ އިން ދެއްކުމަށް ފަހު އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތައް ހުށަހަޅާ އެއްވެސް ޑްރާމާއެއްގައި ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމްދީނާ ރާއްޖޭގެ ސަގާފަތާ ބީރައްޓެހި އެއްވެސް މަންޒަރެއް، އަޑެއް ހިމަނައިގެން ނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.
މީގެ އިތުރުން މި މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަޤާމު ތަކަކަކީ:
(ހ) ބެސްޓް އެކްޓަރ
(ށ) ބެސްޓް އެކްޓްރެސް
(ނ) ބެސްޓް ސަޕޯޓިންގ އެކްޓަރ
(ރ) ބެސްޓް ސަޕޯޓިންގ އެކްޓްރެސް
(ބ) ބެސްޓް ކޮމީޑިއަން
(ޅ) ބެސްޓް އެކްޓަރ / އެކްޓްރެސް އިން އަ ނެގަޓިވް ރޯލް
(ކ) ބެސްޓް ބެކްސްކޯރ
(އ) ބެސްޓް އެޑިޓަރ
(ވ) ބެސްޓް ސިނެމެޓޮގްރަފަރ
(މ) ބެސްޓް ސްކްރީން ޕްލޭ
(ފ) ބެސްޓް ޑައިރެކްޓަރ
(ދ) ބެސްޓް ޑްރާމާ
(ތ) މޮސްޓް ޕޮޕިއުލަރ ޑްރާމާ
އާމިރު ވިދާޅުވީ މި މަގާމުތަކުގެ ތެރެއިން މޯސްޓް ޕޮޕިއުލަރ ޑްރާމާ ނޫން ހުރިހައި މަގާމެއް ހޮވޭނީ ޖަޖުންގެ މާކްސުން ކަމަށާއި ޕޮޕިއުލަރ ޑްރާމާ ހޮވާނީ ބެލުންތެރިންގެ އެސް.އެމް.އެސް އަދި ފޭސްބުކް ވިއުސް އިން އެކަނި ކަމަށެވެ.
މުބާރާތުގައި ޑްރާމާ ބައިވެރި ކުރެވޭނީ މުބާރާތުގައި ބައިވެރިވުމަށް ރާއްޖެޓީވީ އިން ހުޅުވާލުމުން އެކަމަށް އެދި ފޯމު ހުށަހަޅާ ރިސޯޓުތަކަށް އެކަންޏެވެ.
މުބާރާތުގައި ބައިވެރި ވުމަށް ހުޅުވާލެވޭނީ 2019 ފެބްރުވަރީ 15 އިން 2019 ފެބްރުވަރީ 28 ގެ ނިޔަލަށެވެ. އަދި މިމުބާރާތަށް ހުށަހަޅާ ޑްރާމާތައް ހުށަހަޅާނީ 2019 މާރިޗު 01 ވަނަ ދުވަހުން ފެށިގެން 2019 މެއި 01 ވަނަ ދުވަހުގެ ނިޔަލަށެވެ.