ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ރީރެޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ރީރެޖިސްޓްރޭޝަނަށް ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މާރޗް މަހުގެ 2 ގެ ނިޔަލަށް ކަމަށެވެ.
ވޯޓާރސް ލިސްޓް އާންމު ކުރުމަށް ފަހު ވޯޓުލުމަށް ކަނޑައެޅިފައިވާ ތަން ބަދަލުކުރުމަކީ ޤާނުނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އީސީން ވަނީ ބުނެފައެވެ.
އޭޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބެހެއްޓުމާ ގުޅޭ ގޮތުން އީސީން ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އާއި ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައެވެ. އެގޮތުން ރިސޯރޓްތަކާއި، ސިނާއީ ރަށްތައް އަދި ޖަލުތަކުގައި ވޯޓު ލުމަށް 50 މީހުން ރީރަޖިސްޓްރީ ކޮށްފި ނަމަ އެ ތަންތަނުގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.