ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުން މިއަދު 1:30 އަށް ތާވަލް ކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޕީޖީއިން ބުނީ މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނީ ބުދަ ދުވަހު ކަމަށެވެ.
މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް އާދީއްތަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.
ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލަ ބަލަމުން ދާތީ އެ އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކޮށްފައިވާ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.
ރައީސް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އިރު އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ވެސް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގައި ރައީސް ޔަމީނުގެ ނަމުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީން ބަލަމުން ދެއެވެ. އެ ފައިސާ މިހާރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ.
މި ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ.