ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޑރ. ޢަބްދުﷲ މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ހޯމަ ދުވަހު ޢައްޔަނު ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. ޢަބްދުﷲ މަޢުޞޫމަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި ހޯމަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޢައްޔަނުކުރެއްވި މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
މަޢުޞޫމް ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ. އެގޮތުން ފުރުއްވި މަޤާމުތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރ ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން މަޢުޞޫމް އަދާކުރައްވާފައިވެއެވެ.
މަޢުޞޫމް އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނަރސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަޤާމެވެ.