ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ހައްޔަރުކުރީ އުމުރުން 37 ގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނީ މިމީހާ ހައްޔަރު ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން މިމީހާ ވަނީ ދޫކޮށްލާފަ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ ފެބުރުއަރީ 14ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، މިމީހާ ހައްޔަރުކޮށް ހުޅުމާލޭގައި މިމީހާ ދިރިއުޅެމުންދާ ފްލެޓް، ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 76 ރަބަރު ޕެކެޓާއި، 13 ސެލޯފިންކޮޅާއި، ދެ ކޮތަޅު ގަނޑާ އަދި ފިލްމް ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.