މިއަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ޚާއްސަކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުޞަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ ކައުންސިލްތަކަށް އެހީތެރިވާނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ހިއްސާ އޮންނަ ގޮތަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ. މިމަޝްރޫއުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށް ވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫއަށް އެހީ ހޯދުމަށެވެ. އެގޮތުން ހުށައަޅާ މަޝްރޫތަކަށް 300000 ( ތިންލައްކަ ރުފިޔާ ) އާ ހަމައަށް އެހީވުމަށް މިިނިސްޓްރީން ވަނީ ނިންމަވާފައެވެ. ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅޭނެ މަޝްރޫއުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނެއެވެ.
މަޝްރޫތަކަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު މިއަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ވަނީ ހުޅުވާލާފަައެވެ. ހުށައަޅާ ޕްރޕޯޯޒަލްތަކަށް މާކްސް ދިނުމުގައި އެންމެ ބޮޑަށް ބައްލަވާނީ މަޝްރޫއުގެ ބޭނުމާއި، މަގްސަދު އަދި މަޝްރޫއުން ހާސިލް ކުރެވޭނެ ނަތީޖާއަށެވެ. އަދި މަޝްރޫއު ނިމުމަށް ފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ހިއްސާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްޤީއަށް މަޝްރޫޢުގެ ބޭނުންތެރިކަން ހުރި މިންވަރަށް ވެސް މާރކްސް ދޭނެއެވެ. މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދޭނީ މިކަންކަމަށް ބެއްލެވުމަށް ފަހު އެންމެ ރަނގަޅު މާރކްސް ހޯދާ ޕްރޮޕޯޒަލްތަކަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މަޝްރޫތަކަށް ފައިސާ ދިނުމުގެ އުސޫލާއި ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން މިހާރު ވާނީ ރަށު ކައުންސިލްތަކަށް ފޮނުވާފައި ކަމަށް އެމިނިސްޓްރީން ބުނެއެވެ.